ކަރަން ޖޯހަރުގެ ކުރިޔަށް އޮތް ފިލްމު "ސްކްރޫ ދީލާ" ގެ ހާއްސަ ޓީޒާއާއެކު ފިލްމު އިއުލާނުކޮށްފިއެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ މިފިލްމުގެ ޑައިރެކްޓަރަކީ ދަރްމާ ޕްރޮޑަކްޝަންސްގެ ގިނަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޝަޝާންކް ޚައިތަންއެވެ.
ވަރުގަދަ އެކްޝަން ސީންތަކާއެކު އުފައްދާ މިފިލްމުގައި ޓައިގާ ޝްރޮފްއާއެކު ފެނިގެންދާނީ ބަތަލާ ރަޝްމިކާ މަންޑަންނާއެވެ.
ފިލްމުގެ ޓީޒާއިން ފެންނަ ގޮތުގައި ތެލުގޫ އެކްޓަރު ރަޝްމިކާ ފިލްމުގައި ކުޅޭ ރޯލަކީ ވަރަށް ފިލްމުގެ މެއިން ކެރެކްޓާއާ ވަރަށްބޮޑަށް ގުޅުންހުރި މުހިއްމު ރޯލެކެވެ.
މިހާތަނަށް ޑައިރެކްޓަރު ޝަޝާންކް ގެނެސްދީފައިވާ ގިނަ ފިލްމުތަކަކީ ލޯބީގެ ފިލްމުތައްކަމުން މިފިލްމުގައި ޓައިގާގެ އެކްޝަން ސީންތައް ބެލުމަށް ބެލުންތެރިންވަނީ ކެތްމަދުވެފައެވެ.
ފިލްމުގެ ޓީޒާއިން ރަޝްމިކާ ސާފުކޮށް ފެންނަ ސީންއެއް ނުފެންނައިރު ފިލްމުގައި ރަޝްމިކާ ބައިވެރިވާކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ. އެހެންނަމަވެސް ދަރްމާއާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ފިލްމުގައި ބަތަލާގެ ރޯލްއިން ރަޝްމިކާ ފެނިގެންދާނެ ކަމުގައެވެ.
ފިލްމު "ޕުޝްޕާ" ގެ ބަތަލާ ރަޝްމިކާއަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބެމުން އަންނައިރު އެފިލްމުގެ ކާމިޔާބީއަށްފަހު އޭނާއަށް ބޮލީވުޑްއިން ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ.
ރަޝްމިކާގެ ކުރިޔަށްހުރި ހިންދީ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ބަލާޖީ މޯޝަންސްއިން އުފައްދާ ފިލްމު" ގުޑް ބާއީ"، ޕްރޮޑިއުސަރު ރޮނޯ ސްކްރޫވާލާގެ "މިޝަން މަޖްނޫން" އަދި އެކްޓަރު ރަންބީރް ކަޕޫރާއެކު ކުޅޭ ފިލްމު "އެނިމަލް" ހިމެނެއެވެ.