ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން އެކަހެރިވެ އޮންނަން ޖެހުމަށްފަހު އަލުން އެނބުރިއައިސް ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އައި ވިކްޓަރީ ސްޕޯޓްސް ކުލަބަށް، އެ މަސައްކަތުގައި އަނެއްކާވެސް ދިގު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ފުރަތަމަ ޑިވިޝަނުގައި 2019 ވަނަ އަހަރުގެ ނިޔަލަށް ކުޅެމުންދިޔަ ވިކްޓަރީއަށް ވަނީ، ކުޅުންތެރިންނަށް މުސާރަނުދެވުމުގެ މައްސަލަތަކާއި ގުޅިގެން ސަސްޕެންޝަނާއި ކުރިމަތިލާން ޖެހިފައެވެ. މި ސަސްޕެންޝަނުން ވިކްޓަރީއަށް އަރައިގަނެވުނީ ޖޫން މަހުއެވެ. އެނބުރި އައިސް ދެވަނަ ޑިވިޝަނުގައި ކުޅެ، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވުމަށް ވިކްޓްރީން މަސައްކަތް ކުރިނަމަވެސް، ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުގެ ސަބަބުން އެޓީމަށް މިވަނީ ކުރިއަށް އޮތް ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ދޮރު ބަންދުވެފައެވެ.

ވިކްޓްރީއަށް ފުރަތަމަ ޑިވިޝަންގެ ފުރުސަތު ގެއްލުނީ މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަންގެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ބަލިވުމުންނެވެ. ވިކްޓްރީ ނިކުތީ ކްލަބް ޓީނޭޖް އާއި ދެކޮޅަށެވެ. މި މެޗު ޓީނޭޖުން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު، މެޗުގެ ފަހު ވަގުތުގައި ޓީނޭޖަށް ކާމިޔާބުކޮށްދިިނީ ބިދޭސި ކުޅުންތެރިޔާ އަލީ އަހުމަދު އަކީ އަފީފީއެވެ.

މި ނަތީޖާއާއެކު ވިކްޓްރީ އޮތީ ގްރޫޕުގެ ހަތަރުވަނައިގައެވެ. ޖުމްލަ 12 ޕޮއިންޓާއެކު އެއްވަނާގައި ނިއުރޭޑިއެންޓް އޮތްއިރު، 10 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އެލްޓީ ސްޕޯޓްސް ކްލަބެވެ. ތިންވަނަ ލިބެނީ މިއަދު މެޗުން މޮޅުވި ޓީނޭޖަށެވެ. ޓީނޭޖް ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓު ހޯދާފައެވެ. ވިކްޓަރީއަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށްޓަކައި ކުޅެންޖެހޭ ދެވަނަ ޑިވިޝަނުގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމަށް އޮތް ހަމައެކަނި މަގަކީ ދެވަނައިގައި އޮތް އެލްޓީ އާއި ތިންވަނާގައި އޮތް ޓީނޭޖް، ބާކީ އޮތް ދެމެޗުންވެސް ބަލިވެގެންނެވެ. އެހެންނަމަވެސް ގްރޫޕުގެ ފަހު މެޗުގައި ވާދަކުރާނީ ޓީނޭޖާއި އެލްޓީއެވެ. އެހެންކަމުން ދެޓީމު އެއްވަރުވެއްޖެ ހާލަތެއްގައިވެސް އެލްޓީއަށް 11 ޕޮއިންޓު ލިބޭނެއެވެ. އަދި ޓީނޭޖް މޮޅުވެއްޖެނަމަ 12 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް އެޓީމަށް ޖެހިލެވޭނެއެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެއް ސެމީ ފައިނަލަށް ދާ ގޮތަށެވެ. ސެމީ ފައިނަލަށް ފަހު ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމެއް ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ހޮވޭނެއެވެ.