ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ.

މިއީ މި މުބާރާތުގައި ނިއުއިން ކުޅޭނެ ފަސްވަނަ މެޗެވެ. މިމެޗުގައި ނިއުއިން ނުކުންނަން އޮތީ މަހިބަދޫ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

ނިއުރޭޑިއަންޓުން "ވީނިއުސް" އަށް މައުލޫމާތުދިން ގޮތުގައި މިއަދުގެ މެޗު ފަސްކޮށްފައިވަނީ، މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން، މަހިބަދޫ ޓީމަށް މާލެއަށް ދަތުރުކުރުމުގައި ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުންނެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މިއަދު މެޗު ކުޅެން ހަމަޖައްސާފައި އޮތް އެފްއޭއެމް ޓާފް 1 ދަނޑު ފެނުން ފޯވެފައި އޮތުމުން މެޗު ކުޅެވެން ނެތުމުންނެވެ.

ދެވަނަ ޑިވިޝަނުގައި ނިއުއިން ވަނީ މިހާތަނަށް 4 މެޗު ކުޅެފައެވެ. މި ހަތަރު މެޗުވެސް ނިއުއިން ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ވަނީ ކުލަބު ޓީނޭޖުގެ މައްޗަށް 1-2 އިން ކުރިހޯދާފައެވެ. އަދި ދެވަނަ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބު އަތުން ނިއު މޮޅުވީ 0-6 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. ތިންވަނަ މެޗުގައި ނިއުއިން ވަނީ ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް "ރަސްވާދަ" މެޗުގައި 1-4 އިން މޮޅުވެފައެވެ. ލީގުގައި އެންމެފަހުން ނިއުއިން މެޗެއް ކުޅުނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެމެޗުން ބީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް ނިއުއިން ވަނީ 0-2 އިން މޮޅުވެފައެވެ.

މި ގުރޫޕުގެ ގިނަ ޓީމުތަކަކުން މިހާތަނަށް 4 މެޗު ކުޅެފައިވާއިރު ނިއު އޮތީ ޕޮއިންޓު ތާވަލުގެ އެއްވަނައިގައި 4 މެޗު ކާމިޔާބުކޮށް 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އެލްޓީ ސްޕޯޓްސް އޮތީ 10 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 9 ޕޮއިންޓާއެކު ޓީނޭޖް އޮތްއިރު ހަތަރުވަނައިގައި ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކު އޮތީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. ފަސްވަނައިގައި 3 މެޗުން 3 ޕޮއިންޓާއެކު އޮތީ މިއަދުގެ މެޗުގައި ނިއު އާއި ދެކޮޅަށް ކުޅެން އޮތް މަހިބަދޫ އެވެ.

އެހެންކަމުން ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްލައިގެން ނިއު އަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ. އެއީ ނިއުއަށް އެމެޗު ކާމިޔާބު ކޮށްލައިގެން 15 ޕޮއިންޓު ލިބޭނެތީއެވެ. ދެވަނައިގައި އޮތް އެލްޓީއަށް ކުރިއަށް އޮތް ދެމެޗު ކާމިޔާބު ކޮށްލައިގެން 16 ޕޮއިންޓު ލިބޭނެއެވެ. ޓީނޭޖަށް ދެމެޗު ކާމިޔާބުކޮށްގެން ލިބޭނީ 15 ޕޮއިންޓެވެ. އެހެންނަމަވެސް ނިއު އަށް މި ގުރޫޕުގެ އެއްވަނަ ނުވަތަ ދެވަނަ ކަށަވަރުވަނީ، ލީގު ބުރުގެ ފަހު މެޗުގައި އެލްޓީ އާއި ޓީނޭޖް ބައްދަލުކުރާތީއެވެ. އެހެންކަމުން އެ މެޗުން ދެޓީމުންކުރެ ޓީމެއް ބަލިވިޔަސް އަދި މެޗު އެއްވަރުވެގެންވެސް ނިއުއަށް ސެމީގެ ޖާގަ ކަށަވަރުވާނެއެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ އަލުން ދިވެހި ފުޓުބޯޅައިގެ ރަސްކަމުގެ ތަހުތަށް އިސްވުމަށް ކުރަމުން އަންނަ މަސައްކަތުގައި ވީމީޑިއާ އަކީ އެކުލަބުގެ މީޑިއާ ޕާޓްނަރެވެ.