2023ގަ ވެރިކަމުގައި އޮތުމަށް އެންމެ ބޭނުންވަނީ ޖުމްހޫރީ ޕާޓީ ކަމަށް ރާއްޖޭގެ ސިޔާސީ މަސްރަހް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ޖުމްހޫރީ ޕާޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިއަދު ފެންނަނީ އެއް ވެރިއަކު އަނެއް ވެރިއެއްގެ މައްޗަށް ބަސްބުނާ މަންޒަރު ކަމަށާއި ގާސިމް އިބްރާހީމަކީ ބަދަލު ހިފުމުގެ ރޫހެއްގައި މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން ކަަމަށެވެ.

އެހެންކަމުން ރާއްޖޭގައި ދެން ވެރިއެއްގެ ގޮތުގައި ހުންނަވަން ގާސިމް އިބްރާހީމް ނޫން އެހެން ބޭފުޅަކު ބޭނުންނުވާ ކަމަށް ސިޔާސީ މަސްރަހް ދިރާސާ ކުރައްވާ ވަރަށް ގިނަ ބޭފުޅުން ވިދާޅުވާ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ގާސިމް އިބްރާހީމަކީ ސިޔާސީ ގޮތުން އެއްވެސް ބޭފުޅަކަށް ހަސަދައެއް ނެތް ބޭފުޅެއް. ގާސިމް މަސައްކަތް ކުރައްވަނީ ރާއްޖޭގެ މަސްލަހަތު ނަގާނުލާ ސިޔާސީ މަސައްކަތްތައް ބައްޓަން ކުރެވޭނެ ގޮތްތަކަކަށް. ގާނޫނުއަސާސީއާ ޚިލާފުވާ ފަރާތްތަކަށް އެކަމުގެ ހައްގު އަދަބު ގާނޫނީ ގޮތުން ލިބޭނެ. އެކަމަކު ބަދަލު ހިފުމުގެ ރޫހެއްގަ ގާސިމް އިބްރާހީމް އެއްވެސް ބޭފުޅަކަށް އެއްވެސް ކަމެއް ނުކުރައްވާނެ."
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު

ރާއްޖޭގެ އިގްތިސާދު ބައްޓަން ކުރުމަށް މިއަދު ބޭނުންވަނީ އަމަލީ ގޮތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ ގާސިމް އިބްރާހީމަކީ އެ ބޭފުޅާގެ އަމިއްލަ މަސައްކަތުން ވަރަށް ގިނަ ކަންތައްތައް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ބޭންކްތަކުންވެސް ލޯނު ދޭނީ އެއްޗެއް ހުރި މީހަކަށް ކަމަށާއި ރާއްޖެއަށް އެ މަގު ހޯއްދަވައިދެއްވީވެސް ގާސިމް އިބްރާހީމް ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްވަމުން ސައުދު ވަނީ ޕާޓީގެ އެތެރޭގެ ކަންތައްތައް ވަރުގަދަކޮށް ޕާޓީގެ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އަންނަ ރިޔާސީ އިންތީޚާބަށް ތައްޔާރުވަމުން އަންނަންކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ ދާދި ފަހުން ޖުމްހޫރީ ޕާޓީގެ ޓީމެއް ށ. އަތޮޅަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި މިހާރު ތައްޔާރުވަނީ ލ. އަތޮޅަށް ދިޔުމަށް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޖޭޕީގެ ޓީމުތައް ދަތުރުކުރަނީ މައިގަނޑު ދެ ބޭނުމެއްގައި ކަމަށާއި އެގޮތުން ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަކާއި އަދި ޕާޓީގެ އެތެރޭގެ އިންތީޚާބުތައް ބޭއްވުމުގެ މަސައްކަތްތައްވެސް މިވަގު ހިނގަމުންދާ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ދެން އަދި އަޅުގަނޑުމެން ވަކި ތާރީޚެއް ކޮންގްރެސް ބާއްވަން ނުނިންމަން. އަޅުގަނޑުމެން ފޯކަލް ޕޮއިންޓެއް ހޯދުމާއި ޕާޓީގެ ގޮފިތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެންނަށް ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާފަ އަދި ކުރިން ހިނގާފަ ހުރި ކަންތައްތަކަށް ބަލާފަ އަޅުގަނޑުމެންނަށް ފުރުސަތު އެބަ ބޮޑުވޭ ރާއްޖޭގެ 2023 ވަނަ އަހަރުގެ ވެރިކަމަށް އައުމަށް."
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު

ސައުދު ވިދާޅުވީ ގާސިމް އިބްރާހީމް މަސައްކަތް ކުރައްވަނީ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް ގައުމަށް ޚިދުމަތް ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.