މަންކީޕޮކްސް ބަލީގައި އަވަށްޓެރި އިންޑިއާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ބަލީގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. މި މީހާ މަރުވެފައިވަނީ ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކުގެ ގޮސް އުޅޭ އިންޑިއާގެ ކެރެލާ ސްޓޭޓުންނެވެ. ކެރެލާ ސްޓޭޓުގެ ހެލްތު މިނިސްޓަރ ވޭނާ ޖޯޖު ވަނީ އިންޑިއާގެ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން 22 އަހަރުގެ މި ޒުވާނާ އަކީ އިންޑިއާގެ ކެރެލާ ސްޓޭޓުގެ ތްރިސޫރަށް ނިސްބަތްވާ ޒުވާނެކެވެ. އަދި އެ ޒުވާނާ މަންކީޕޮކްސްއަށް ޕޮޒިޓިވްވިކަން ދެނެގަނެވުނީ އެހެން ގައުމެއްގައި ހުރުމަށްފަހު އެނބުރި އިންޑިއާއަށް އައުމުން، ބަލީގެ އަލާމާތްތަކެއް ފެނުމުން ކުރި ޓެސްޓުތަކުންނެވެ. އެހެންނަމަވެސް ބައެއް އެހެން މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ޒުވާނާ ބައްޔަށް ޕޮޒިޓިވްވިކަން ޖުލައި މަހުގެ 19 ވަނަ ދުވަހު ޔޫއޭއީގައި ހުރެފައި ކުރި ޓެސްޓަކުން ދެނެގަނެވިފައިވެއެވެ.

ބަލީގެ އަލާމާތްތަކުގެ ތެރެއިން ކަރުގައި ހުންނަ ލިމްފް ނޯޑު ދުޅަވުމާއި، ވަރުބަލިކަންވެސް މި ޒުވާނާގެ ކިބައިން ފެނިފައިވާކަމަށާއި، އެހެންނަމަވެސް ބަލީގެ ސަބަބުން ގައިގައި ނަގާ ފިއްގަނޑުވެސް އަދި ފޮޅުވެސް އެ ޒުވާނާގެ ގައިން ނުފެންނަކަމަށް ރިޕޯޓުތައް ބުނެއެވެ. ބައްޔަށް ފަރުވާ ހޯދުމަށް މި ޒުވާނާ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައިވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. މި ޒުވާނާ އެޑްމިޓުކޮށްފައިވަނީ ހުން ގަދަވުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ޒުވާނާ އިންޑިއާއަށް އައިސްފައިވަނީ ގިނަ އަދަދެއްގެ ދިވެހިންތަކެއް ދަތުރުކުރާ އަދި ވަޒީފާ އަދާކުރުމަށް ދިރިއުޅޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެ ޒުވާނާ އިންޑިއާއަށް އައިސްފައިވަނީ ހުސްވި ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

ބަލީގައި އިންޑިއާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވިއިރު، އިންޑިއާއިން މަންކީޕޮކްސްގެ ފަސް ކޭސް އެއް ރިޕޯޓުކޮށްފައިވެއެވެ. އެއީ ވެރިރަށް ދިއްލީއިން އެއް ކޭސް އަދި ކެރެލާ ސްޓޭޓުން ހަތަރު ކޭސް އެވެ. ކެރެލާއިން ޕޮޒިޓިވްވި ފަސް މީހުންނަކީ އެހެން ގައުމުތަކަކަށް ދަތުރުކޮށްފައިވާ މީހުންތަކެއް ކަމަށް އިންޑިއާގެ އޮފިޝަލުން ބުނާއިރު، ދިއްލީ އިން ފެނުނު ކޭސްގައި އެމީހާގެ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތްކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މަންކީޕޮކްސް ހަލުވިކަމާއެކު ފެތުރި، މުޅި ދުނިޔޭގައި ކަންބޮޑުވުންތައް އުފެދުމާ ގުޅިގެން، މި ބައްޔަކީ ގްލޯބަލް ހެލްތު އިމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅައި އިއުލާންކުރީ މިދިޔަ ހަފްތާ ތެރޭގައެވެ.

ޔޫރަޕާއި، އުތުރު އެމެރިކާގެ ގައުމުތަކުގައި މަންކީޕޮކްސް ފެތުރޭން ފަށާފައިވަނީ މިއަހަރުގެ މެއިމަހުން ފެށިގެންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން އެންމެފަހުން ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، މިއަދާ ހަމައަށް ދުނިޔޭގެ 80 ގައުމުން 22،000 އަށްވުރެ ގިނަ މީހުންނަށް މަންކީޕޮކްސް ޖެހިފައިވާ ކަމަށެވެ.

މަންކީޕޮކްސް ކަމަށް ތުހުމަތުކުރެވޭ 75 މަރު، އެފްރިކާގެ ގައުމުތަކުން ރިޕޯޓްކޮށްފައި ވާއިރު، ގިނަ މަރުތައް ރިޕޯޓްކޮށްފައިވަނީ ނައިޖީރިއާ އަދި ކޮންގޯއިންނެވެ.

އެފްރިކާއިން ބޭރުން ފުރަތަމަ ފަހަރަށް، ބްރެޒިލް އަދި ސްޕެއިނުންވަނީ، މަންކީޕޮކްސްއާ ގުޅުންހުރި މަރުތައް ހުކުރު ދުވަހު ރިޕޯޓްކޮށްފައެވެ.