ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ މިދަނޑިވަޅުގައި އެނބުރި ގައުމަށް ވަޑައިގަތުން ރަނގަޅު ނޫންކަމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ވޯލް ސްޓްރީޓް ޖާރނަލްއަށް ދެއްވި އިންޓަރވިއުއެއްގައި ރަނިލް ވިދާޅުވީ، ގޮޓަބާޔަ ރާޖަޕަކްސަ މިވަގުތު ގައުމަށް ވަޑައިގެންފިނަމަ ސްރީލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގައި ހުޅުރޯވެދާނެ ކަމަށެވެ.

ސްރީލަންކާގެ އާންމުން ރިޔާސީ ގަނޑުވަރު ވަށާލުމުން، ސްރީލަންކާ ސިފައިންގެ އެހީގައި އަސްކަރީ ޖެޓެއްގައި ދިވެހިރާއްޖެ ވަޑައިގަތުމަށްފަހު ސައުދީ އެއަރލައިންގެ މަތިންދާ ބޯޓެއްގައި ގޮޓަބާޔަ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގެންފައިވަނީ މި ނިމުނު ޖުލައިމަހުގެ 14 ވަނަ ދުވަހުއެވެ.

ގޮޓަބާޔަ ރާޖަޕަކްސަ ސްރީލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ ސިންގަޕޫރަށް ވަޑައިގަތުމަށްފަހުގައެވެ.

ސްރީލަންކާ ސަރުކާރުގެ ކެބިނެޓްގެ ތަރުޖަމާނު މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ހުންނެވީ ފިއްލަވައިގެން ނޫން ކަމަށާއި، އޭނާ އެނބުރި ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

އަނެއްކޮޅުން، ސްރީލަންކާގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން ކުރީގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، އެ ކޯޓަށް މިއަދު ހާޟިރުވުމަށް ކޯޓުން އަމުރެއް ނެރެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެހެން ނަމަވެސް، ގޮޓަބާޔަ ރާޖަޕަކްސަ ސުޕްރީމް ކޯޓަށް ހާޟިރުވާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ވޯލް ސްޓްރީޓް ޖާރނަލްއަށް ދެއްވި އިންޓަރވިއުގައި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، ގޮޓަބާޔަ ރާޖަޕަކްސަ އަވަހަކަށް ސްރީލަންކާއަށް އެނބުރި ވަޑައިގެންފާނެކަމުގެ އިޝާރާތެއް ނެތް ކަމަށެވެ.

"މިއީ، ކުރީގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަތުމަށް ރަނގަޅު ވަގުތެއްނޫން. ގައުމުގެ އިގްތިސާދު މެނޭޖްކުރިގޮތުން އޭނާ މަގާމުން ދުރުކުރުމަށް ނުކުތް އެތައްހާސް ރައްޔިތުންގެ މެދުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގައި، އެކަމުގެ ސަބަބުން ހުޅުފަޅައިގެން ހިނގައިދާނެ. އެހެންވެ، މިއީ އޭނާ އެނބުރި ވަޑައިގަތުމަށް ރަނގަޅު ދަނޑިވަޅުކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އަދި އަވަހަކަށް ވަޑައިގެންފާނެ ކަމުގެ އިޝާރާތެއްވެސްނެތް"
ރަނިލް ވިކްރަމަސިންހަ

ސަރުކާރުގެ އެޑްމިނިސްޓްރޭޓިވް ހޭންޑްއޯވަރގެ ކަންތަކާއި އަދި ސަރުކަރާ ގުޅުންހުރި އެހެން ކަންކަމުގައި ކުރީގެ ރައީސް ގޮތަބާޔައާ ގުޅުއްވަމުން ގެންދަވާ ކަމަށާއި، އެއިން އެއްވެސް ފަހަރަކު، އެނބުރި ގައުމަށް ވަޑައިގަތުމުގެ ވާހަކަ ގޮޓަބާޔަ ވިދާޅުނުވާ ކަމަށް ރަނިލް ވިދާޅުވިއެވެ.