ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.

ރައީސް އިންޑިއާއަށް ވަޑައިގަތުމުން، އެގައުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، އިންޑިޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް، އެނިމަލް ހަޒްބަންޑްރީ އެންޑް ޑެއިރީން ޑޮކްޓަރ ސަންޖީވް ކުމާރު ބާލިއާންއެވެ. މީގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިސް ބޭފުޅުންން ވެސް، ނިއުދިއްލީގެ ޕަލަމްގައި ހުންނަ ރިސެޕްޓޯރިއަމް އެއަރފޯސް ސްޓޭޝަނަށް، ރައީސްއަށް މަރުހަބާދެންނެވުމަސް ވަޑައިގަތްކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި ރައީސްއަށް މަރުހަބާ ދެންނެވުމަށް އިންޑިއާގެ ސަގާފީ ހަރަކާތެއް ވެސް ވަނީ ހުށަހަޅާފައިވެއެވެ.

މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިކުރައްވާ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 4 ވާ ބުރާސްފަތި ދުވަހުއެވެ.

ރައިސް އޮފީހުން ބުނީ، ރައީސް ސާލިހް އިންޑިއާއަށް ކުރައްވާ ރަސްމީ މިދަތުރުފުޅުން ދެ ޤައުމުގެ މެދުގައި އޮތް ގާތްގުޅުން ރަމްޒު ކޮށްދޭކަމަށެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެވެސް މުހިންމު ބައިވެރިއެކެވެ. ދިވެހިރާއްޖެއާއެކު އޮތް މި ގުޅުމުގެ ތެރެއިން ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއްގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދެއެވެ.