މިއަހަރުގެ ޖޫންމަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 248 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހު އެންމެ ގިނައިން ހުށައަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއެވެ. އެބާވަތުގެ 126 މައްސަލަ ޖޫން މަހު ރިޕޯޓްކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ 28 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މީގެއިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 27 މައްސަލަ، ނަފްސާނީ ހާނިކައިގެ 26 މައްސަލަ، ޖިންސީ ހާނިކައިގެ 24 މައްސަލަ، ޖިސްމާނީ ހާނިކައިގެ 16 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 1 މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާ އަށް ބޭނުންކުރުމުގެ 1 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 1 މައްސަލަ މި ކެޓަގަރީން ހުށައަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 40 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ހުށައަޅާފައިވާއިިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މީގެ 22 މައްސަލައެއް ހުށައަޅާފައިވެއެވެ. މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ނަފްސާނީ އަނިޔާކުރުން/އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 8 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 4 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންތައްތަކުގެ 3 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 މައްސަލަ، މުދާ ހިފެހެއްޓުމާއި/މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ އަދި ހިފެހެއްޓުމުގެ އަމަލުގެ 1 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

މީގެއިތުރުން ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 26 މައްސަލައެއް ޖޫން މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 13 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 11 މައްސަލަ އަދި ހަޟާނާތުގެ 2 މައްސަލަ ހިމެނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 20 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ގޮތުގައި އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ 11 މައްސަލަ، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 8 މައްސަލަ އަދި އަމިއްލައަށް މަރުވާން ހިޔާލުއައުމުގެ 1 މައްސަލަ ހުށައަޅާފައިވެއެވެ.

މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ ހުށައަޅާފައިވާއިރު، މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 15 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 4 މައްސަލައެކެވެ.

ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 12 މައްސަލައެއް ޖޫން މަހު ވަނީ ހުށަހެޅިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ 7 މައްސަލަ، ރުޅިއިސްކުރުން/ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލަ އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 2 މައްސަލަ ހިމެނެއެވެ. އަދި ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 4 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ. މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ 3 މައްސަލަ އަދި ވެކްސިން ނުދިނުމުގެ 1 މައްސަލަ ހުށަހެޅިފައިވެއެވެ.

ޖޫންމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 196އެވެ. ޖޫން މަހުގައި 4 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާއިރު، 6 ކުއްޖެއް ރީއިންޓަރގްރޭޓް ކުރެވި، އަދި 1 ކުއްޖަކު ފޯސްޓަރކޮށްފައިވެއެވެ.