ގަދަ ހޫނާއި، ޖެހެމުންދާ ގަދަފަދަ ވައިގެ ސަބަބުން އެމެރިކާގެ ހުޅަނގު ބިތުގެ ކެލިފޯނިއާއާއި މޮންޓާނާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް އިތުރަށް ފެތުރި ފުޅާވެގެން ހިނގައިދާނެކަމުގެ ބިރު އުފެދިއްޖެއެވެ.

އެތައްސަތޭކަ ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ކެލިފޯނިއާގެ އުތުރުން ކްލަމެތް ނޭޝަނަލް ފޮރެސްޓުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލުން ނެއްޓިފައެވެ.

ކްލަމެތް ނޭޝަނަލް ފޮރެސްޓްގައި އަލިފާން ރޯވެ އަނދަންފެށީ ހުކުރު ދުވަހު ސިސްކިއު ކައުންޓީގެ ޖަންގަލީގައެވެ.

ހޫނާއި ގަދަ ވައިގެ ސަބަބުން އަލިފާންގަނޑު ވަރަށް ހަލުވިކޮށް ފެތުރި މިއަދާ ހަމައަށް 52،500 އޭކަރުގެ ޖަންގަލި އަނދާފައިވާ ކަމަށް ޔޫއެސް ފޮރެސް ސާރވިސްއިން ބުނެއެވެ. އަދި އަލިފާންގަނޑު މިހާރު ހުރިހާ ދިމާއަކަށް ފެތުރެން ފަށާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މިއަލިފާންގަނޑުގެ ސަބަބުން ގެދޮރުތައް އެނދުމުގެ ސަބަބުން ދެހާހެއްހާ މީހުން އެހެން ހިސާބުތަކަށް ގޮސްފައި ވެއެވެ. އަލިފާނުގެ ސަބަބުން ސިސްކިއުގައި މިހާރުވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ހިންގާފައެވެ.

ހޮނެއް އެޅުމުގެ ސަބަބުން ކެލިފޯނިއާގެ ހުޅަނގުގެ އެހެން ސަރަހައްދެއްގައިވެސް އަލިފާންރޯވެ އަނދަމުންދާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ކެލިފޯނިއާގެ ޖަންގަލީގެ ދެ ސަރަހައްދެއްގައި ރޯވެ އަނދަމުންދާ އަލިފާނުގެ ނުރައްކާ އިތުރު 400 ވަރަކަށް ގެއަކަށް އެބައޮތް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެހެންވެ، ބައެއް ސަރަހައްދުތަކުން މީހުން ދުރަށް ދިއުމުގެ އަމުރުވެސް މިހާރުވަނީ ނެރެފައެވެ.

މޮންޓާނާގައި އަލިފާން ރޯވެ އަނދަމުންދަނީ ބޯކޮށް ވިނަ ހެދިފައިވާ ދަނޑުތަކެއްގައެވެ. އަލިފާނުގެ ސަބަބުން މިހާތަނަށް 28 އަކަ ކިލޯމީޓަރުގެ ދަނޑުބިންތައް އަނދާފައިވާ ކަމަށާއި، އަލިފާންގަނޑު މިހާރު މިސްރާބު ޖަހާފައިވަނީ ޖަންގައްޔާ ދިމާއަށް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޔޯސްމައިޓް ނޭޝަނަލް ޕާކްގައި މީގެ 8 ދުވަސްކުރިން ރޯވި ވަރުގަދަ އަލިފާންގަނޑު އަދިވެސް މުޅިން ނިއްވާނުލެވެއެވެ.

ކެލިފޯނިއާ ސްޓޭޓަށް މިދުވަސްވަރަކީ ހަނަފަސް ދުވަސްވަރެއް ކަމުންނާއި، ހޫނުގަދަވެ، ޖެހެމުންދާ ގަދަ ވަޔާއި އަދި ހޮނު އެޅުމުގެ ސަބަބުން އަދިވެސް އިތުރު ސަރަހައްދުތަކުގައި އަލިފާން ރޯވާނޭކަމަށް ޔޫއެސް ފޮރެސްޓް ސަރވިސްއިން ލަފާކުރެއެވެ.

ކެނިފޯނިއާގެ ހަނަފަސްކަން އަދި އެތައް މަހަކަށް ދެމިގެންދާނޭ ކަމަށް ވެއެވެ.