މަގުމަތީގެ ގަވާއިދުތައް ހިމެނޭހެން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަކީ އާންމު މަސްލަހަތު އޭގައި ހިމެނޭ ކަންކަމަށް ވީއިރު، ފަރުދުންގެ މަސްލަހަތަށް އިޚްތިރާމްކުރުމުގެ ގޮތުން ގަވާއިދުތަކާއި އުސޫލުތަކަށް ބޯލަނބައި ޢަމަލުކުރުމަކީ ހަމަ ކޮންމެ މީހެއްގެ ބޮލުގައި ވެސް އެޅިފައި އޮތް ފަރުދީ ޒިންމާއެކެވެ. ޒިންމާދާރު ނުވެވިއްޖެ ނަމަ އެއީ މުޅި މުޖުތަމައަށް ވެވޭ ޚިޔާނާތަކަށް ނޫނީ ނުވާނެއެވެ.

މަގުމަތީގައި ހިނގާބިނގާވެ އުޅުމަށާއި އުޅަނދު ފަހަރު ދުއްވުމަށް އަދި ޕާކު ކުރުމަށް ވެސް ގާނޫނުތަކާއި ގަވާއިދުތަކެއް އެކުލަވާލައި ތަންފީޒުކުރަމުން އަންނަނީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމާއި ހެވަށެވެ. އެހެން ނަމަވެސް، ހިތި ހަގީގަތަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުން މި ދެންނެވި ގާނޫނުތަކާއި ގަވާއިދުތަކަށް ހުުރުމަތްތެރިކޮށް ނުހިތާކަމެވެ. މި ކަމުގެ ތަކުލީފު ދެންތިބި ރައްޔިތުން އުފުލަންޖެހޭތީއެވެ.

މި ފަހަރު އަޅުގަނޑުގެ ފޯކަސްއަކީ ޕާކިންގެ މައްސަލައެވެ. މާލޭގައި ޕާކިން މައްސަލަ ހައްލު ނުވެ އެތައް އަހަރެއް ދިގުލައިގެން ހިނގައްޖެއެވެ. ހައްލު ވާސިލުވުމަށް ޕާކިން ޒޯންތައް ތަރައްގީކޮށްފިއެވެ. އަދި ވެސް ކުރަނީއެވެ. އެކަމަކު މިގޮތަށް ހެދޭ ޕާކިން ޒޯންތަކުގެ ބޭނުން އެބަ ކުރެވޭތޯއެވެ. އެންމެ މިސާލެކެވެ. މާލޭގެ ނަން މަޝްހޫރު މަގުތަކުގެ ތެރެއިން ސޯސަންމަގަކީ މަގުގެ ދެ ފަރާތުގައި ވެސް ރީނދޫ ދެ ރޮނގު ދަމާފައިވާ މަގެކެވެ. މަގުގައި މިގޮތަށް ރީނދޫ ދެ ރޮނގު ދެމުމުން ބުނެދެނީ ޕާކުކުރުން މަނާވާނެ ކަމަށެވެ. ސޯސަން މަގުގެ ވަކި ހިސާބަކުން ގިނަ އަދަދެއްގެ ސައިކަލެއް ޕާކު ކުރެވޭނެ ޕާކިން ޒޯނެއް އޮވެއެވެ. ނަމަވެސް މި ދެންނެވި ޕާކިން ޒޯންގައި ގަވާއިދާ އެއްގޮތަށް ޕާކުކުރުމުގެ ބަދަލުގައި ކަން ފަސޭހައަކަށް މަގުގައި ޕާކުކުރުން މަނާ ކަމަށް ފާހަގަކޮށްފައިވާ ތަނުގައި އެބަ ޕާކުކުރެއެވެ.

ކޮންމެ ގޮތެއްވިޔަސް މިއީ އޮޅުމަކުން ނޫނީ ނޭނގިގެން ކުރާ ކަމެކޭ ބުނެވޭކަށް ނެތެވެ. އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރަނީ މި ގަވާއިދުތައް އެނގޭ މީހުނަށެވެ. ނޫންތޯއެވެ؟

ފަރުވާކުޑަކަމުގެ އިތުރުން ވެސް އާންމުން ގަވާއިދުތަކާ ޚިލާފުވާ އެހެން ސަބަބެއް އެބައޮތެވެ. އެއީ މި ގަވާއިދުތައް ތަންފީޒުކުރަން ތިބި މުވައްސަސާތަކުން އަޅާނުލައި ދޫކޮށްލާތީއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަގުތައް މޮނިޓަރކުރަނީ ކިހާ ވަރަކަށްތޯއެވެ؟ ގަވާއިދާ ޚިލާފުވެގެން ފިޔަވަޅު އަޅަނީ ކިހާ މިންވަރަކަށްތޯއެވެ؟ މަގުތަކުގައި އެކަށިގެންވާ ވަރަށް ފުލުހުން ހަރަކާތްތެރިވޭތޯއެވެ؟ ޖަވާބުގައި ދަންނަވަން މި ޖެހެނީ ހަމަ ނޫނެކޭއެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަަތެވެ. އެވެރިން މިކަމަކާ މާބޮޑަށް އުޅޭތަނެއް މިހާރު ނުފެނެއެވެ. އެހެންކަމުން ތަންފީޒީ މުވައްސަސާތަކުން މިހާރަށް ވުރެ ޒިންމާދާރުވާން ޖެހެއެވެ. އަދި ހަމަ އެވަރަށް އާންމުންވެސް މިކަމުގައި ޒިންމާދާރުވާން ޖެހެއެވެ. ފުލުހުންނަށް އެކަނި މިކަން ނުވާނެއެވެ. ފުލުހުން ހަރަކާތެރި ވިޔަސް ނުވިޔަސް ގަވާއިދުތަކަށް އަމަލުކުރަން ވާނެއެވެ.

މިއަދު މަގުމައްޗަށް ނުކުތުމުން މި ނޫނަސް ގަވާއިދާ ޚިލާފު އެތައް ކަމެއް ފާހަގަކުރެވޭނެއެވެ. ގަވާއިދުތަކާއި ގާނޫނުތަކަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނޫޅެވޭނެއެވެ. ގަވާއިދު މަތީގައި ޕާކު ނުކުރާށެވެ. ތިޔައީ ގޯހެކެވެ.