އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ހޯމަ ދުވަހު ކުޅުނު ލީގުގެ ފަހު މެޗުގައި ބޮޑު މޮޅެއް ހޯދުމަށްފަހު ލީގުގެ އައްޑަނަ އުފުލާލައިފިއެވެ.

މެޗަށް ނުކުތްއިރުވެސް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާއިން އީގަލްސްގެ މައްޗަށް ކުރިހޯދީ ފަސޭހަކަމާއެކު 0-5 ގެ ނަތީޖާއަކުންނެވެ.

މިއީ މާޒިޔާއިން ޖެހިޖެހިގެން ލީގު ޗެމްޕިއަންކަން ހޯދި 3 ވަނަ ފަހަރެވެ. މާޒިޔާ ލީގުގެ ޗެމްޕިއަންކަން ހޯދީ 21 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ކައިރިން ވާދަކުރި އީގަލްސްއަށް ލިބުނީ 46 ޕޮއިންޓެވެ. ލީގުގައި މާޒިޔާ ބަލިވީ ދެވަނަ ބުރުގައި ހަމައެކަނި އީގަލްސް އަތުންނެވެ. މާޒިޔާއިން ވަނީ ލީގުގައި ކުޅުނު 21 މެޗުގައި ޖުމްލަ 80 ލަނޑު ޖަހާފައެވެ. އެ ޓީމު ކޮޅަށް ވަނީ ފަސް ލަނޑެވެ.

ލީގުގެ ފަހު މެޗުގައި މާޒިޔާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކެޕްޓަން އަސަދުالله އަބްދުالله އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މާޒިޔާއަށް ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދައިދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ)އެވެ. ދެވަނަ ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) އެވެ. ތިންވަނަ ލަނޑު އަސަދުالله ޖެހީ ދާދު މުޅިން ހުސްކޮށްލާފަ ދިން ބޯޅައަކުންނެވެ. މާޒިޔާއަށް ދެން ލަނޑު ޖަހައިދިނީ ހަމްޒާ މުޙައްމަދު (ހަމްޕު)އެވެ.

މާޒިޔާ އިން އެންމެ ފުރަތަމަ ދިވެހި ލީގު ކާމިޔާބުކުރީ 2016 ވަނަ އަހަރެވެ. އެއީ އަލީ ސުޒޭންގެ ކޯޗުކަމުގައެވެ. އޭގެފަހުން އެ ޓީމުން ވަނީ 2019/2020 އާއި 2020/2021 ވަނަ އަހަރުގެ ސީޒަންގައި ވެސް ލީގު ކާމިޔާބުކޮށްފައެވެ. އެއީ މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އާއި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ ކޯޗުކަމުގައެވެ. މި ފަހަރު މާޒިޔާ އިން ލީގުގެ ބޮޑުބައި ސާބިއާގެ މިއޮޑްރަގް ޖެސިކްގެ ކޯޗުކަމުގައި ކުޅުނުއިރު، ރޭ އީގަލްސްއާ ދެކޮޅަށް މާޒިޔާ އަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) އެވެ. ޖެސިކް ވަނީ ސައުދީ އަރަބިއްޔާގެ އެއް ވަނަ ޑިވިޝަން ކްލަބަކުން ލިބުނު އޮފާއެއް ގަބޫލުކޮށް އެ ޓީމަށް ބަދަލުވެފައެވެ.

މާޒިޔާއިން ލީގުގެ އައްޑަނަ އުފުލާލިއިރު ދިވެހި ލީގުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ މާޒިޔާގެ ކިރަން ކުމާރު ލިމްބޫ އެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނުއިރު، ވެސް ލީގުގެ މޮޅު ކީޕަރުގެ މަގާމު ހޯދާފައެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ޔުނައިޓެޑް ވިކްޓަރީ އެވެ.