"ތައްޔާރު"ގެ ނަމުގައި 2023ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޖުމްހޫރީ ޕާޓީން ހިންގާ ހަރަކާތުގެ ތެރެއިން، އަތޮޅު ތެރޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިިންމައިފިއެވެ.

މިގޮތުން އެކި ރަށްރަށުގައި ޑޯޓުޑޯ ހަރަކާތުގެ އިތުރުން، ޖަލްސާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ މި ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީގެ މަތީފަޑީގައި ތިއްބެވި ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ރަށްރަށުގައި ހަރަކާތްތައް ހިންގަން މާލޭން ޖޭޕީގެ ހާއްސަ ޓީމުތައް ރަށްރަށަށް ދާނެ ކަމަށް ވެއެވެ.

މި ކަމާއި ގުޅޭގޮތުން ވީނިއުސްރޫމްގެ "ފަސްމަންޒަރު" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމި ނިންމުމާ އެއް ގޮތަށް 2023ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވާދަކުރާނެކަން ޢިއުލާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޖޭޕީން އަންނަނީ އެ އިންތިޚާބަށް ތައްޔާރުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި ވަގުތު ގައުމުގައި ހިނގަމުންދާ ކަންމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށާއި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވުމަށް އަދި ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ޖޭޕީން މަސައްކަތްތަކެއް ކުރާނެ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި ޕާޓީގެ އެތެރޭގެ އެންމެ ބޮޑު އެއް އިންތިޚާބު ކަަމަށްވާ ކޮންގްރެސް ބޭއްވުމަށް ވެސް ތައްޔާރުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ކޮންގްރެސް ބާއްވާނެ ވަކި ތާޜީޚެއް ކަނޑައަޅާފައި ނުވެއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ، މުހިންމު ކަންކަމުގެ ގޮތުގައި ޕާޓީގެ އަތޮޅު އަދި ރަށު ފޯކަލް ޕޮއިންޓުން ހޯދުމާއި ގޮފިތައް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށެވެ.

ޖޭޕީއަކީ ސިޔާސީ ގޮތުން ބަޔަކު މީހުން ދައްކާ ވާހަކަތަކަށް ބަސްބުނެ ރައްދު ދިނުމުގެ ބަދަލުގައި ހަރަކާތްތަކުން ރައްދުދޭ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވީނިއުސްއާ ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާއި ޕާޓީގެ ވެރިންގެ އުސޫލަކީ ބަސްމަދުކޮށް އަމަލު ގިނަކުރުމުގެ ސިޔާސަތު ކަމަށެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙިމަކީ ވެސް ބަަޔަކު މީހުން ކުރާ ކޮންމެކޮންމެ ތުހުމަތުތަކަށް ނޫނީ ވާހަކަައަކަށް ރައްދުދެއްވާނެ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވަގުތު ޕާޓީގެ ހަމައެކަނި ފޯކަސްއަކީ ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި ތާއީދު އިތުރުކުރުމުގެ ހަަރަކާތްތައް ހިންގުން ކަމަށް އިސްތަރުޖަމާނު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ މިފަދަ ސިޔާސީ ހަރަކާތްތައް ހިންގުމުގައި މި ފަހުން އެންމެ ހަރަކާތްތެރި ޕާޓީކަން ފާހަގަކުރެވެއެވެ.

2023ގެ އިންތިޚާބުގައި ޖޭޕީން ކުރިމަތި ލާނީ ކޯލިޝަނުގައިތޯ ނުވަތަ ނޫންތޯ އަދި ނުނިންމައެވެ. މީގެ ކުރިން ޖޭޕީން ބުނެފައިވާ ގޮތުގައި ކޯލިޝަނުގައި ވާދަ ކުރުމުގެ ވިސްނުމެއް އެޕާޓީން ދެން ނުގެންގުޅެއެވެ.

ޖޭޕީން ގިނިކަންޏާ ވާދަކުރުމަށް ކެންޑިޑޭޓަކު ނެރޭ ނަމަ ބެލެވޭ ގޮތުގައި އެ ކެންޑިޑޭޓަކީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙިމެވެ.