ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުވާގޮތަށް ތަސްދީގުކޮށްފައިވާ ހެއްކާ ބެހޭ ގާނޫނު އިސްލާހުނުކޮށްފިނަމަ އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ގެންދާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރާއިރު ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު ބައެއް ހާލަތްތަކަށް ވުރެން ބޮޑު ކަމުގައި ޝަރީއަތަށް ބުރަވެވޭ ނަމަ ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާއަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވޭނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގަނޫނީ ވަކީލް ނިޝާން ވިދާޅުވީ ހެއްކާ ބެހޭ ގާނޫނުގައި ގާނޫނުއަސާސީއާ ފުށުއަރާ މާއްދާތަކެއް އެބަހުރި ކަމަށާއި ބަންޑާރަ ނައިބުގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ޑްރާފްޓްކޮށްފަ ފޮނުވާ ބިލެއްނަމަވެސް ބަހުސްކުރާ މަރުހަލާގައި ގާނޫނުއަސާސީއާ ތަޢާރުޒުވާ ކަންކަން ބަލަންޖެހޭނެ ކަމަށެވެ.
ނިޝާން ވިދާޅުވީ ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައިވެސް އަދި އިސްލާމީ ޝަރީޢަތުގެ އުސޫލުތައް ތަތުބީގުވެގެން އައިގޮތްތަކަށް ބެލިނަމަވެސް ފެންނަން އޮތީ އަސާސީ ހައްގު ހިމާޔަތް ކުރުމަށްޓަކައި ފަހަތުން އުސޫލުތަކެއް ގެނެވިފައި އޮތްތަން ކަމަށެވެ.
ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުވާ ހާލަތަށް ވައްޓާލުމަކީ ގާނޫނުއަސާސީގެ އިންފާރު ފަހަނައަޅާދިޔުންކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާނޫނެއް ފާސްކުރާއިރު އެ ކުރެވެނީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ބަލަންޖެހޭނެ ކަމަށެވެ.
ގާނޫނުއަސާސީގަ ބަޔާންކުރާ ތިން މަބްދަޢު އޭގައި ހިމެނޭ އަސާސީ އުސޫލުގެ މައްޗަށް ތަތުބީދުކޮށްގެން ކަންކަން ކުރުމަކީ ތިން ބާރުގެ މައްޗަށް ލާޒިމް ކުރާ ކަމެއް ކަމަށާއި ހެއްކާ ބެހޭ ގާނޫނު އިސްލާހުނުކޮށްފިނަމަ އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ގެންދާނެ ކަމަށެވެ.
އަދި މިކަމުގަ މިޑިއާތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ނިޝާން ވިދާޅުވިއެވެ.
ހެއްކާ ބެހޭ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައި ވަނީ 18 ޖުލައި 2022 ގައެވެ.