އެމެރިކާގެ އަސްކަރިއްޔާއިން އަލްޤައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލާފައިވާކަމަށް އެމެރިކާގެ ރައީސް، ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން ވިދާޅުވި ގޮތުގައި އައިމަން އަލް ޒަވާހިރީ މަރާލާފައިވަނީ އެމެރިކާގެ އަސްކަރިއްޔާއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޑްރޯން ހަމަލާއެއް ދީގެންނެވެ.

ޒަވާހިރީ މަރާލީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އާދީއްތަ ދުވަހުގެ ހެނދުނު 6:18 (ޖީއެމްޓީ ގަޑިން 0148) ގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި ކަމަށް އެގައުމުގެ އޮފިޝަލަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަން ހާމަނުކުރުމަށް ޝަރުތުކޮށް މީޑިއާއަށް މައުލޫމާތުދިން މި އޮފިޝަލް ވިދާޅުވި ގޮތުގައި ޒަވާހިރީ މަރާލާފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ބެލްކަނީގައި ހުއްޓައެވެ.

މިއީ 2011 ވަނަ އަހަރު އެ ޖަމާއަތުގެ ފައުންޑަރ އުސާމާ ބިން ލާދިން މަރާލި ފަހުން އެ ޖަމާއަތަށް ދިން އެންމެ ބޮޑު ބޮމުގެ ހަމަލާގެ ގޮތުގައި ބައިޑަން ސިފަކުރައްވައެވެ.

ޒަވާހިރީ މަރާލެވުނުކަން އިއުލާނުކޮށް ބައިޑަން ވިދާޅުވީ، ނިރުބަވެރި ޖަމާއަތް، އަލްޤައިދާގެ ލީޑަރު މަރާލެވުމުން އަދުލުއިންސާފު ގާއިމްކުރެވިއްޖެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ބައިޑަން ހާމަކުރެއްވި ގޮތުގައި އެމެރިކާ އަސްކަރިއްޔާގެ އިންޓެލިޖެންސަށް އައިމަން އަލް ޒަވާހިރީގެ އާއިލާ އާއި ޒަވާހިރީ ހުރިތަން ދެނެގަނެވިފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އަދި ޒަވާހިރީ މަރާލަން ދިން ހަމަލާގައި އައިމަންގެ އިތުރުން އެ އާއިލާގެ އެހެން އެއްވެސް މެމްބަރަކު މަރުވެފައި ނުވާކަން ބައިޑަން ހާމަކުރެއްވިއެވެ.

ޒަވާހިރީ ހޯދުމަށް އެހީތެރިވާ ވަރުގެ މައުލޫމާތެއްދޭ ފަރާތަކަށް އެމެރިކާއިން 25 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެކަން މީގެކުރިން އިއުލާނުކޮށްފައިވާއިރު، އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރަށާއި އެމެރިކާގެ ޕެންޓަގަން އަށް ދިން ހަމަލާގެ އިތުރުން އެގައުމުގެ ފެޑެރަލް ގަވާމަނޓް ބިލްޑިންގ އަށް ދޭން މަސައްކަތްކުރި ހަމަލާތައް ރޭވުމުގައި ޒަވާހިރީ އަކީ އެންމެ އިސް އެއް ފަރާތެވެ. މި ހަމަލާތަކުގައި 3000 އަށްވުރެ ގިނަ މީހުން މަރުވިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުންވެސް ވަނީ، އެގައުމުގެ ވެރިރަށް ކާބުލް އަށްދިން ޑްރޯން ހަމަލާއެއްގައި ޒަވާހިރީ މަރާލިކަން ކަށަވަރުކޮށްދީފައެވެ. އަދި މިއީ ބައިނަލްއަގްވާމީ ޕްރިންސިޕަލްތަކާއި ހިލާފު އަމަލެއްގެ ގޮތުގައި ތާލިބާނުން ސިފަކުރެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވީ، ޒަވާހިރީ ކާބުލްގައި ދިރިއުޅުމަކީ، އަދި ތާލިބާނުންގެ ހިމާޔަތުގައި ދިރިއުޅުމަކީ އެމެރިކާ އާއި ތާލިބާނުންނާއި ދެމެދު ވެވުނު އެއްބަސްވުމާއި ހިލާފު ކަމެއް ކަމަށެވެ. އަދި އަފްޤާނިސްތާން ޓެރިޓަރީގައި އެއްވެސް ނިރުބަވެރިއަކަަށް މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު އެމެރިކާއިން ނުދޭނެކަމުގެ ޔަގީންކަން ދުނިޔޭގެ ގައުމުތަކަށް އަރުވާކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވިއެވެ.

2020 ވަނަ އަހަރު ތާލިބާނާއި އެމެރިކާ އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އަފްޤާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ވަނީ ޝަރުތުތަކަކާއެކު އެގައުމުން ފައިބާފައެވެ. އެ ޝަރުތަކީ ތާލިބާނުން، އަފްޤާނިސްތާނުގައި ނިރުބަވެރި އެއްވެސް ޖަމާއަތެއްގެ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދިނުމާއި އެފަދަ ޖަމާއަތެއްގެ ލީޑަރަކަށް އެގައުމުގައި ނޫޅެވުމެވެ.