ތިލަމާލެ ބްރިޖްގެ ބިންގާ އިންޑިއާގައި އަޅައިފިއެވެ.

އަލަށް އަޅާ ބްރިޖްގެ ބިންގާ އަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މާލެ އާއި ވިލިމާލެ އާއި ތިލަފުށްޓާއި ގުޅީފަޅު ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ފައްޓަވައި ދެއްވީ ރައީސް ޞާލިހާއި އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީއެވެ.

ފައުންޑޭޝަން ނުވަތަ ތަނބުތައް އެޅުމުގެ މަސައްކަތް އަމަލީ ގޮތެއްގައި މިއަދު ވަނީ މާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި ފަށާފައެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. ބްރިޖު އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ރައީސް ޞާލިޙްގެ އިންޑިއާ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ސާލިޙް އަދި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް ނިއު ދިއްލީގެ ޕާލަމްގައި ހުންނަ ރިސެޕްޓޯރިއަމް އެއަރފޯސް ސްޓޭޝަންގެ ވައިގެ ބަނދަރުން މަރުޙަބާ ވިދާޅުވީ އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝެރީޒް، އެނިމަލް ހަޒްބަންޑަރީ އެންޑް ޑެއިރީއިންގ، ޑރ. ސަންޖީވް ކުމާރު ބަލްޔާން އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ. ދިވެހި ވަފުދަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އިންޑިއާގެ ސަގާފީ ހަރަކާތެއް ހުށަހަޅާފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެ މަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 4 ވާ ބުރާސްފަތި ދުވަހުއެވެ.