ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު 6 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުންތަށް ދެ ޤައުމުގެ ދެމެދު ބަދަލުކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކުރިފުޅުމަތީގައި ނިއުދިއްލީގައި ހުންނަ ހައިދަރުއާބާދު ހައުސްގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

ރާއްޖެއާ އިންޑިއާ ދެމެދު އެބަސްވުންތައް ބަދަލުކުރުން

ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.

އެއާއެކު މި އެގްރީމެންޓުގެ ދަށުން ހުޅުމާލޭގައި އިތުރު 2000 ސޯޝަލް ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް 119 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައިވެސް އެ ރަސްމިއްޔާތުގެ ތެރެއިން ސޮއިކޮށްފައިވެއެވެ.

އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޑިޒާސްޓަރ މެނޭޖްމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ބަޔާސް ކްރެޑިޓް އެގްރީމެންޓުގެ ދަށުން އިންޑިއާގެ އެގްޒިމް ބޭންކުން ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އެހީތެރިވެދިނުމުގެ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކޮށްފައިވެއެވެ.

ދެ ޤައުމުގެ ދެމެދު ވެވުނު އެއްބަސްވުންތައް ބަދަލުކުރުމަށްފަހު ދެ ޤައުމުގެ ވެރިން ގުޅިގެން ދެއްވި ބަޔާނުގައި ރައީސް ޞާލިޙު ވަނީ ރާއްޖޭގެ އުމްރާނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑީއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ ތިލަމާލޭ ބްރިޖުގެ މަޝްރޫޢާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތަކީ ދެ ޤައުމުގެ ދެމެދު އޮތް ގާތް އެކުވެރިކަން ރަމްޒުކޮށްދޭ މުހިއްމު ދެ މަޝްރޫޢެއްކަން އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓު ނުވަތަ ތިލަމާލޭ ބްރިޖުގެ ޢަމަލީ މަސައްކަތް ފަށާފައި ވާއިރު މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މޯދީއާއި އެކު ރައީސް ސާލިހެވެ.