މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއިއެކު ފަސްކުރި، ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބު ބައްދަލުކުރަން ތާވަލުކުރި މެޗު، މިމަހުގެ 11 ވަނަ ދުވަހު ކުޅުމަށް ތާވަލުކޮށްފިއެވެ.

އެންމެފުރަތަމަ މިމެޗު ކުޅެން ތާވަލުކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގެ ހަވީރު އެފްއޭއެމް ޓާފް 1 ގައެވެ. އެހެންނަމަވެސް އެދުވަހަކީ މޫސުން ގޯސް، ވައިބާރު ދުވަހެއް ކަމުން މަހިބަދޫ ޓީމަށް މާލެ ދަތުރުކުރުމަށްޓަކައި ހުރަސްތަކެއް ހުރުމުންނާއި، މެޗު ކުޅެން ހަމަޖައްސާފައި އޮތް ދަނޑު ވާރޭގެ ސަބަބުން ނުކުޅެވޭ ހާލަތެއްގައި އޮތުމުން މިމެޗު ފަސްކުރަން ނިންމީއެވެ.

ނިއުރޭޑިއަންޓަށް މުބާރާތުގައި ބާކީ އޮތް ދެމެޗު ކުޅޭނީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. ނިއުއަށް ކުރިއަށް ދެން އޮތީ އެލްޓީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ. މިމެޗު ކުޅޭނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ލީގުގައި ނިއުރޭޑިއަންޓަށް ބާކީ ދެމެޗު އޮތްއިރު، ނިއު އޮތީ ޕޮއިންޓު ތާވަލުގެ އެއްވަނައިގައި 4 މެޗު ކާމިޔާބުކޮށް 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އެލްޓީ ސްޕޯޓްސް އޮތީ 10 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 9 ޕޮއިންޓާއެކު ޓީނޭޖް އޮތްއިރު ހަތަރުވަނައިގައި ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކު އޮތީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. ފަސްވަނައިގައި 3 މެޗުން 3 ޕޮއިންޓާއެކު އޮތީ މަހިބަދޫ އެވެ.

އެހެންކަމުން ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްލައިގެން ނިއު އަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ. އެއީ ނިއުއަށް އެމެޗު ކާމިޔާބު ކޮށްލައިގެން 15 ޕޮއިންޓު ލިބޭނެތީއެވެ. ދެވަނައިގައި އޮތް އެލްޓީއަށް ކުރިއަށް އޮތް ދެމެޗު ކާމިޔާބު ކޮށްލައިގެން 16 ޕޮއިންޓު ލިބޭނެއެވެ. ޓީނޭޖަށް ދެމެޗު ކާމިޔާބުކޮށްގެން ލިބޭނީ 15 ޕޮއިންޓެވެ. އެހެންނަމަވެސް ނިއު އަށް މި ގުރޫޕުގެ އެއްވަނަ ނުވަތަ ދެވަނަ ކަށަވަރުވަނީ، ލީގު ބުރުގެ ފަހު މެޗުގައި އެލްޓީ އާއި ޓީނޭޖް ބައްދަލުކުރާތީއެވެ. އެހެންކަމުން އެ މެޗުން ދެޓީމުންކުރެ ޓީމެއް ބަލިވިޔަސް އަދި މެޗު އެއްވަރުވެގެންވެސް ނިއުއަށް ސެމީގެ ޖާގަ ކަށަވަރުވާނެއެވެ.

ދެވަނަ ޑިވިޝަނުގައި ނިއުއިން މިހާތަނަށް 4 މެޗު ކުޅެފަވާއިރު، މި ހަތަރު މެޗުވެސް ނިއުއިން ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ވަނީ ކުލަބު ޓީނޭޖުގެ މައްޗަށް 1-2 އިން ކުރިހޯދާފައެވެ. އަދި ދެވަނަ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބު އަތުން ނިއު މޮޅުވީ 0-6 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. ތިންވަނަ މެޗުގައި ނިއުއިން ވަނީ ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް "ރަސްވާދަ" މެޗުގައި 1-4 އިން މޮޅުވެފައެވެ. ލީގުގައި އެންމެފަހުން ނިއުއިން މެޗެއް ކުޅުނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެމެޗުން ބީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް ނިއުއިން ވަނީ 0-2 އިން މޮޅުވެފައެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ އަލުން ދިވެހި ފުޓުބޯޅައިގެ ރަސްކަމުގެ ތަހުތަށް އިސްވުމަށް ކުރަމުން އަންނަ މަސައްކަތުގައި ވީމީޑިއާ އަކީ އެކުލަބުގެ މީޑިއާ ޕާޓްނަރެވެ.