ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނުގެ ޝަރަފުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަސްމީ ޖާފަތެއް ބާއްވައިފިއެވެ.

މިޖާފަތް ބާއްވާފައިވަނީ މިއަދު މެންދުރު ހައިދަރުއާބާދު ހައުސްގައެވެ.

މިޖާފަތުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ހައިދަރުއާބާދު ހައުސްގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސްގެ ހަތަރު ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާ އާ ދެމެދު 6 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

އެގޮތުން، ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.

މީގެއިތުރުން، މާލެ އާއި ވިލިމާލެ އާއި ތިލަފުށްޓާއި ގުޅީފަޅު ގުޅުވައިދޭ ބްރިޖްގެ ބިންގާ ވެސް ވަނީ މި ދަތުރުފުޅުގެ ތެރެއިން އަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުން ދެ ޤައުމުގެ މެދުގައިއޮތް ގާތްގުޅުން ރަމްޒު ކޮށްދެއެވެ. އިންޑިއާއަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެވެސް މުހިންމު ބައިވެރިއެކެވެ. ދިވެހިރާއްޖެއާއެކު އޮތް މި ގުޅުމުގެ ތެރެއިން ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއްގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދާކަން ރައީސް އޮފީހުން ފާހަގަކުރެއެވެ.

މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 4 ވާ ބުރާސްފަތި ދުވަހުއެވެ.