އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ އޭޝިޔާއަށް ފެށްޓެވި ދަތުރުފުޅާ ދިމާކޮށް، އެމެރިކާގެ އަސްކަރީ މަނަވަރުތައް ޓައިވާންގެ އިރުމަތީ ފަޅީގައި ރުކުރުވާލައިފިއެވެ.

ރުކުރުވާލި މަނަވަރުތަކުގެ ތެރޭގައި ހަނގުރާމަމަތީ މަތިންދާ ބޯޓުތައް އުފުލާ މަނަވަރުވެސް ހިމެނެއެވެ. މަނަވަރުތައް މިހާރުތިބީ ޓައިވާންގެ އިރުމަތީ ފަޅިން ފިލިޕީންސް ކަނޑުގެ ސަރަހައްދުގައެވެ.

ނޭންސީ ޕެލޯސީގެ އޭޝިޔާ ދަތުރުފުޅުގައި މިއަދުވަނީ މެލޭޝިޔާއަށް ވަޑައިގެންފައެވެ. މެލޭޝިޔާގައި ޕެލޯސީވަނީ ބޮޑުވަޒީރު އިސްމާއިލް ސަބްރީއާއި، ޚާރިޖީ ވަޒީރު ސައިފުއްދީން އަބްދުﷲ ގެ އިތުރުން، މެލޭޝިޔާގެ ޕާލަމެންޓް، ދީވާންގެ ރައީސާވެސް ބައްދަލު ކުރައްވާފައެވެ.

އެމެރިކާގެ އަސްކަރިއްޔާ، ޓައިވާން ކައިރީގައި ތައްޔާރީ ހާލަތަށް އައި އިރު، ނޭންސީ ޕެލޯސީގެ އޭޝިޔާ ދަތުރުފުޅުގައި ޓައިވާނަށް ވަޑައިގަންނަވާނެ ކަމަށް ބެލެވިގެން ޗައިނާގެ އަސްކަރިއްޔާވެސް ޓައިވާން ކައިރީގައި މިހާރުވަނީ ފައުޖުތައް ރުކުރުވާލާފައެވެ. އަދި އަސްކަރީ މަތިންދާ ބޯޓުތައްވެސް ދަނީ އެ ސަރަހައްދުގައި އުދުހެމުންނެވެ.

ޓައިވާން ކަނޑުއޮޅީގައި ޗައިނާގެ އަސްކަރީ މަނަވަރުތަކާއި، ފައުޖުތައް ތައްޔާރީ ހާލަތުގައި އޮތްއިރު، ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ ކުރިމަތިލުމެއް ހިނގާފާނެ ކަމަށް ބެލެވިފައި ވެއެވެ.

އެހެންވެ، ވަރަށް ވަރުގަދަ އަސްކަރީ ތަމްރީނު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަސްފަހު ޓައިވާންގެ އަސްކަރިއްޔާވެސް އޮތީ ތައްޔާރީ ހާލަތުގައެވެ. ޗައިނާގެ ހަރަކާތްތަކަށް ފާރަލައިގެންނެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ ކަންތައްތައް ވަރަށް ގޯސްވާނެ ކަމަށާއި، އެކަމަށް އެމެރިކާއިން ދައްކަންޖެހޭ އަގު ވަރަށް ބޮޑުވާނޭ ކަމަށް ބުނެ ޗައިނާއިން އިންޒާރު ކުރާތާ ހަފްތާއެއް ވެއްޖެއެވެ.

އެމެރިކާގެ އެތެރޭގެ ބައެއް މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ޗައިނާއިންދޭ އެފަދަ އިންޒާރަކަށް އެމެރިކާ ހާސްނުވާ ކަމަށެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީގެ އޭޝިޔާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ސިންގަޕޫރަށެވެ. ދެވަނައަށް ވަޑައިގަތީ މެލޭޝިޔާއަށެވެ. ލިސްޓުގައި ދެކުނު ކޮރެއާ، ޖަޕާން ހިމެނޭއިރު، ރަސްމީ ޝެޑިއުލްގައި ޓައިވާނެއް ނުހިމެނެއެވެ.

އެހެން ނަމަވެސް، ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާނެ ކަމަށް ބެލެވިފައި ވެއެވެ. އެމެރިކާއާއި ޓައިވާންގެ މީޑިއާއިން ބުނަމުންދަނީ ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާނެ ކަމަށެވެ.

ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުން ވެގެންދާނީ، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެމެރިކާގެ މިފެންވަރުގެ ބޭފުޅަކު ޓައިވާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރަށެވެ.

ޗައިނާއިން ދެކެނީ، ޒާތީ ވެރިކަމެއްކުރާ ޓައިވާނަކީ އެގައުމުގެ ބައެއް ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކު ޓައިވާން ޗައިނާގެ ވެރިކަމުގެ ދަށަށް ގެނެވޭނޭ ކަމަށްވެސް ބުނެއެވެ. ބާރުގެ ބޭނުންކޮށްގެން އެކަން ކުރަން ޖެހިއްޖެނަމަ ކުރާނޭ ކަމަށްވެސް ބުނަމުން ގެންދެއެވެ.

އެހެންވެ، ޓައިވާން ދުނިޔޭގައި އެކަހެރިކުރުމަށް ޗައިނާއިން އަބަދުވެސް މަސައްކަތް ކުރެއެވެ. އެ މަސައްކަތުގެ ދަށުން، ދުނިޔޭގެ އެއްވެސް ގައުމަކުން ޓައިވާނާ އެއްވެސް މުއާމަލާތެއް ކުރުމަކީ ޗައިނާ ގަބޫލުކަމެއް ނޫނެވެ.