ޗައިނާއިން ވަރަށް ބޮޑަށް ދެކުނު ހަދަމުންދަނިކޮށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގެންފިއެވެ.
ނޭންސީ ޕެލޯސީ ދަތުރުކުރެއްވި ކަމަށް ބެލެވޭ މަތިންދާ ބޯޓު މެލޭޝިޔާއިން ފުރީއްސުރެ މީޑިއާއިން ދިޔައީ އެ ބޯޓަށް ފާރަލަމުންނެވެ.
ޕެލޯސީ ދަތުރުކުރެއްވި މަތިންދާ ބޯޓު ޓައިޕޭ އެއަރޕޯޓުގައި ޖެއްސުމަށްފަހު އޭނާ ފައިބައިވަޑައިގަތުމުން ވަރަށް ހޫނު މަރްހަބާއެއް ވަނީ ދަންނަވާފައެވެ.
،މައުލޫމާތު ލިބޭގޮތުގައި އެމެރިކާގެ ހައުސްގެ ރައީސާ ޕެލޯސީ މިރޭ މަޑުކުރައްވަނީ ޓައިވާންގައެވެ.
ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުން، ޓައިވާންގައި ހުންނަ އެންމެ އުސް އިމާރާތް އަދި ޓައިވާންގެ އެންމެ ޚާއްސަ ރަމްޒުކަމުގައިވާ ޓައިޕޭ 101 ގައިވަނީ ޕެލޯސީއަށް މަރްހަބާ ކިޔައި، ބޭރަށް ފެންނަ ގޮތަށް މެސެޖްތައް ލިޔެ ދިއްލާފައެވެ. އޭގައި ބޮޑު އަކުރުން "ތެންކް ޔޫ" ޖަހާފައި ވެއެވެ.
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ ޓައިވާނަށް މި ވަޑައިގެންނެވީ، ޕެލޯސީ ޓައިވާނަށް ވަޑައިގެންފި ނަމަ މައްސަލަ ވަރަށް ގޯސްވާނެ ކަމަށާއި، އެކަމަށް އެމެރިކާއިން ދައްކަންޖެހޭ އަގުވެސް ވަރަށް ބޮޑުވާނެ ކަމަށް ބުނެ ޗައިނާއިން ތަކުރާރުކޮށް ވަރުގަދަ އިންޒާރު ދެމުން ގެންދަނިކޮށެވެ.
އަދި ޗައިނާގެ އަސްކަރިއްޔާގެ ހަރަކާތްތައް ތައިވާންގެ ކައިރީގައި ވަރުގަދަ ކޮށްފައި ވަނިކޮށްވެސް މެއެވެ.
ޕެލޯސީ ޓައިވާނަށް ވަޑައިގެންނެވިއިރު، އެމެރިކާގެ އަސްކަރީ މަނަވަރުތައްވެސް ޓައިވާންގެ އިރުން ފިލިޕީންސް ކަނޑުގައިވަނީ ރުކުރުވާލާފައެވެ. ރުކުރުވާލި މަނަވަރުތަކުގެ ތެރޭގައި ހަނގުރާމަމަތީ މަތިންދާ ބޯޓުތައް އުފުލާ މަނަވަރުވެސް ހިމެނެއެވެ.
މަސްރަހް ހޫނުވެފައިވާތީ، ވަރަށް ވަރުގަދަ އަސްކަރީ ތަމްރީނު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްފަހު ޓައިވާންގެ އަސްކަރިއްޔާވެސް އޮތީ ތައްޔާރީ ހާލަތުގައެވެ.
ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ ކަންތައްތައް ވަރަށް ގޯސްވާނެ ކަމަށާއި، އެކަމަށް އެމެރިކާއިން ދައްކަންޖެހޭ އަގު ވަރަށް ބޮޑުވާނޭ ކަމަށް ބުނެ ޗައިނާއިން އިންޒާރު ކުރާތާ ހަފްތާއެއް ވެއްޖެއެވެ.
އެމެރިކާގެ އެތެރޭގެ ބައެއް މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ޗައިނާއިންދޭ އެފަދަ އިންޒާރަކަށް އެމެރިކާ ހާސްނުވާ ކަމަށެވެ.
ނޭންސީ ޕެލޯސީގެ މި ދަތުރުފުޅުގައި ޓައިވާންގެ ރައީސް ސައި އިންގް-ވެންއާ މާދަމާ ބައްދަލު ކުރައްވާނެއެވެ. އަދި ތައިވާނުން ޕެލޯސީ ފުރާވަޑައި ގަންނަވާނީ ޓައިވާންގެ ގަޑިން މާދަމާގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުން ވެގެންމިދިޔައީ، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެމެރިކާގެ މިފެންވަރުގެ ބޭފުޅަކު ޓައިވާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރަށެވެ. އޭނާގެ މިދަތުރުފުޅުގެ ސަބަބުން މިހާރުވެސް ގޯސްވެފައިވާ ޗައިނާ-އެމެރިކާގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވިފައި ވެއެވެ.
ޗައިނާއިން ދެކެނީ، ޒާތީ ވެރިކަމެއްކުރާ ޓައިވާނަކީ އެގައުމުގެ ބައެއް ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކު ޓައިވާން ޗައިނާގެ ވެރިކަމުގެ ދަށަށް ގެނެވޭނޭ ކަމަށްވެސް ބުނެއެވެ. ބާރުގެ ބޭނުންކޮށްގެން އެކަން ކުރަން ޖެހިއްޖެނަމަ ކުރާނޭ ކަމަށްވެސް ބުނަމުން ގެންދެއެވެ.
އެހެންވެ، ޓައިވާން ދުނިޔޭގައި އެކަހެރިކުރުމަށް ޗައިނާއިން އަބަދުވެސް މަސައްކަތް ކުރެއެވެ. އެ މަސައްކަތުގެ ދަށުން، ދުނިޔޭގެ އެއްވެސް ގައުމަކުން ޓައިވާނާ އެއްވެސް މުއާމަލާތެއް ކުރުމަކީ ޗައިނާ ގަބޫލުކަމެއް ނޫނެވެ.
ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް އެމެރިކާއިންވެސް ރަސްމީގޮތުން ގަބޫލެއް ނުކުރެއެވެ. އެހެން ނަމަވެސް، ޓައިވާނަށް އެހީވުމާއި، ޓައިވާން ދިފާއުކޮށްދިނުމަށް އެމެރިކާގެ ވެރިންނަށް ލާޒިމްކުރާ ގާނޫނެއް އެމެރިކާގައި ފާސްކޮށްފައި އޮވެއެވެ.