ރ. އަލިފުށީ ބިން ހިއްކުމާއި، އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އަލިފުށީ ބިން ހިއްކުމާއި، އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.
މިއަދު އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންނެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއޯއޯ އާދަމް އާޒިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަލިފުށީ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން އަލިފުށީ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއުގެ ދަށުން، 50.5 ހެކްޓަރުގެ ބިން ހުއްކުމާއި، 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، ރަންވޭއަކާއި، އޭޕްރަންއެއްގެ އިތުރުން ޓެކްސީވޭއަކާއި، ފަޔަރ ޕެޑަކާއި، މަގުތައް ހެދުން ހިމެނެއެވެ.
މީގެއިތުރުން އެެއާފީލްޑް ލައިޓިން ސިސްޓަމެއް ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، އަލިފާން ނިއްވާ އިކުއިޕްމެންޓް ހަރުކުރުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއުއަކީ 451.61 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.