އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުން ޗައިނާއިން ރުޅިއައިސްގެން ވަރަށް ވަރުގަދަ ބަޔާނެއް ނެރެފިއެވެ.

ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ އެމެރިކާއިން ހިންގި ވަރަށް ނުރައްކާތެރި އަމަލެއް ކަމަށާއި، މިކަމުގެ ރައްދު ފިޔަވަޅު ޗައިނާއިން އަޅާނޭ ކަމަށެވެ.

ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމަކީ، އެމެރިކާއިން ޗައިނާގެ އިސްތިގްލާލު މުގުރާލުން ކަމަށާއި، މީގެ ނޭދެވޭ އަސަރު ޗައިނާ-އެމެރިކާގެ ގުޅުމަށް ކުރާނޭ ކަމަށް ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ހަމަ އެއާއެކު، ޕެލޯސީ ޓައިވާނަށް ވަޑައިގަތުމަކީ، ޗައިނާއިން ވަކިވެ ޓައިވާން މިނިވަން ކުރުމަށް މަސައްކަތްކުރާ ގްރޫޕްތަކަށް އެމެރިކާއިން ދިން ސީރިއަސް އަދި ވަރަށް ނުބައި މެސެޖެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.

ޗައިނާގެ ނުފޫޒުގަދަ ޕީޕަލްސް ލިބަރޭޝަން އާރމީންވެސް ވަނީ ވަރަށް ވަރުގަދަ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި، ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރުމަށްފަހު، ކަނޑައަޅާ ވަކި ކަހަލަ އަސްކަރީ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވައުދުވެފައި ވެއެވެ. އަދި ޓައިވާން މިނިވަން ކުރުމަށް އެތެރެއިން ކުރާ ހުރިހާކަމެއް ހުއްޓުވާނޭ ކަމަށްވެސް ވައުދުވެފައި ވެއެވެ.

ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާއެކު، ޗައިނާއިންވަނީ ޓައިވާން ކަނޑުއޮޅީގައި އަސްކަރީ ވަރުގަދަ ޑްރިލްއެއް މިރޭ ފަށަން އިއުލާންކޮށްފައެވެ. މި ޑްރިލްގައި މިސައިލް ޓެސްޓްކުރުމާއި، އަސްލު ހަތިޔާރުގެ ބޭނުން ކުރާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޗައިނާގެ ވަޔާއި ކަނޑުގެ ސިފައިން ހިންގާ މި ޑްރިލް، ޓައިވާންގެ އުތުރާއި، ދެކުނުހުޅަނގާއި އަދި އިތުރު އިރުމަތީ ފަޅިން ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ޗައިނާގެ އަސްކަރިއްޔާއިން ނިންމާފައި ވެއެވެ.

މަސްރަހް ދިރާސާ ކުރައްވާ ތަޖުރިބާކާރުން ވިދާޅުވަނީ، އަސްކަރީ ކިތަންމެ ބޮޑު ޑްރިލްއެއް ޖެއްސިޔަސް ޓައިވާން ކަނޑުއޮޅީގެ ޗައިނާ ފަޅި ހުރަސްކޮށް ޓައިވާންގެ ފަޅިއަށް ޗައިނާއަށް ވަންނަން ނުކެރެނޭ ކަމަށެވެ.

އަދި ޗައިނާގެ އަސްކަރީ މަތިންދާ ބޯޓުތައް ޓައިވާންގެ ވައިގެ ސަރަހައްދަށް އަދި ޗައިނާގެ މަނަވަރުތަކަށް ޓައިވާންގެ ކަނޑުގެ ސަރަހައްދަށްވެސް ވަންނާނެ ކަމަށް ނުބެލެވޭ ކަމަށާއި، އެމެރިކާއާއެކު ނުވަތަ ޓައިވާނާއެކު ސީދާ ކުރިމަތިލުމަކަށް ދިއުމަށް ޗައިނާ ބޭނުން ނުވާނޭ ކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ، ނޭންސީ ޕެލޯސީ ޓައިވާނުން ފުރާވަޑައިގަތުމުން ޗައިނާގެ ހުރިހާ ޕްރެޝަރެއް ކުރިމަތިވާނީ ޓައިވާނަށް ކަމަށާއި، ޗައިނާއިން ކުރިން ނާޅާފަދަ ފިޔަވަޅުތަކެއް އެޅުން އެކަށީގެންވާ ކަމަށެވެ.