ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހުށުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މީހުން ހައްޖަށް ގެންދިޔުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަަލަށް ކަމަށެވެ.

މީހުން އުމްރާއަށް ގެންދިޔުމަށް ޕްރޮޕޯސަލް ހުށައެޅޭނީ، ދިވެހިރާއްޖޭން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ހަމަވާ ކުންފުނިތަކަށެވެ. އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށައަޅަންޖެހޭ ޕްރޮޕޯސަލް ފޮތް މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ޕްރޮޕޯސަލް ހުށައަޅަން ޖެހޭނީ، ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީ އުރައިގެ ބޭރުގައި ""ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" އެހެން ލިޔެފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:30 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި ބުނާގޮތުން، އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކުރާނީ، މިކަމުގެ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށްކަމަށެވެ. އެގޮތުން، އެ ކުންފުންޏަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުގެ މަގުސަދުތަކުގެ ތެރޭގައި ޢުމްރާއަށް މީހުން ގެންދިޔުމުގެ ޚިދުމަތްދިނުން ހިމެނިފައިވާ، 100 އިންސައްތަ ދިވެހީންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވެސް ވާންޖެހެއެވެ.

އުސޫލާއި ހިލާފަށް ޢުމްރާވެރީންގެއަތުން ފައިސާ ނަގައިފިނަމަ، ނުވަތަ އުސޫލުގައި ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ، 5،000 ރުފިޔާއާއި، 30،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.

މީގެއިތުރުން އެއްވެސް ޢުމްރާވެރިޔަކަށް ކުންފުނީގެ އިހުމާލުން ޢުމްރާގެ އަޅުކަން އަދާނުކުރެވިއްޖެނަމަ، ނުވަތަ ޢުމްރާވެރީންގެ އަތުން ނަގާ ފައިސާއަށް ޚިޔާނާތްތެރި ވެއްޖެނަމަ، 30،000 ރުފިޔާއާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.