ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މުމްބާއީއަށް ވަޑައިގެންފިއެވެ.

މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިކުރައްވާ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައިސް ސޯލިހް މުންބައި އަށްވަޑައިގަތުން

މިދަތުރު ފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު 6 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފާ ވާއިރު، މި އެއްބަސްވުންތަށް ދެ ޤައުމުގެ ދެމެދު ބަދަލުކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސް ޞާލިޙުގެ ކުރިފުޅުމަތީގައި ނިއުދިއްލީގައި ހުންނަ ހައިދަރުއާބާދު ހައުސްގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

އެގޮތުން، ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.

މީގެއިތުރުން، މާލެ އާއި ވިލިމާލެ އާއި ތިލަފުށްޓާއި ގުޅީފަޅު ގުޅުވައިދޭ ބްރިޖްގެ ބިންގާ ވެސް ވަނީ މި ދަތުރުފުޅުގެ ތެރެއިން އަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުން ދެ ޤައުމުގެ މެދުގައިއޮތް ގާތްގުޅުން ރަމްޒު ކޮށްދެއެވެ. އިންޑިއާއަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެވެސް މުހިންމު ބައިވެރިއެކެވެ. ދިވެހިރާއްޖެއާއެކު އޮތް މި ގުޅުމުގެ ތެރެއިން ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއްގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދާކަން ރައީސް އޮފީހުން ފާހަގަކުރެއެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގައި ރައިސް ޞާލިޙްގެ ޝަރަފުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރަސްމީ ޖާފަތެއް ބާއްވެސް ބާއްވާފައެވެ. މިޖާފަތުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ހައިދަރުއާބާދު ހައުސްގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 4 ވާ ބުރާސްފަތި ދުވަހުއެވެ.