ގެންގުޅެމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހިޖާމާ ޖައްސަވަން އޮންނެވި ފޮޓޯއެކޭ ވިދާޅުވެފައި ނުވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ، މަބްރޫކް އެފަދައިން ވިދާޅުވިކަމަށް ދޭހަވާ ބީދައިން އޮންލައިން ނޫސް "މިހާރު" ނޫހުގައި ލިޔެފައިވާ ހަބަރެއް ކަމަށްބުނެ، ސްކްރީންޝޮޓް މީސްމީޑިއާގައި ދައުރުވާން ފެށުމާއި ގުޅިގެންނެވެ. ދައުރުވަމުންދާ ސްކްރީންޝޮޓްގައި މަބްރޫކްއާ ހަވާލާދީ ބުނެފައިވަނީ ބަޔަކު ގެންގުޅެނީ ރައީސް ސާލިހް ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެއް ކަމަށެވެ.

ރައީސް ސާލިހްގެ ޚަބަރުތައް އެޑިޓްކޮށްގެން ހަގީގަތް އޮޅޭގޮތަށް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާ މަބްރޫކް ވިދާޅުވީ، އެޚަބަރަކީ އެޑިޓުކޮށްފައިވާ ހަބަރެއް ކަމަށާއި ބަޔަކު ގެންގުޅެނީ ރައީސް ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެއް ކަމަށް ވިދާޅު ނުވާ ކަމަށެވެ. އަދި، އެ ސުރުޚީގައި އެއްވެސް ހަބަރެއް ޝާއިއުކޮށްފައި ނުވާކަން "މިހާރު" ނޫހުން ކަށަވަރުކޮށްދީފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އެފަދައިން ވިދާޅުވެފައިވާކަން ދޭހަކޮށްދިނުމަށް މަސައްކަތްކޮށްފައި މިވަނީ ރައީސް ސާލިހް އަންހެނަކާއެކު ބަދުއަޚުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް ލިބިއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި ފޮޓޯ އިން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށެވެ.

މި ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ.