މިހާރު ހުންނެވި ޕާޓީ ޕްރޮމޯޓްކުރުމަށް އޮތް ހަމައެކަނި ގޮތަކީ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅަށް ވެއްޖެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ރައީސް ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މެމްބަރު ޝިޔާމް މިފަދައިން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ ރާއްޖެއަށް ކުރިމަތިވި ބިރުވެރިކަމުގެ މޫސުމެއް ކަމަށް ދުންޏާ ވިދާޅުވުމާއި ގުޅިގެން ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ދުންޏާ އާންމުކުރެއްވި ވީޑިއޯ ކްލިޕެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަކީ މިހާތަނަށް އެންމެ ބޮޑެތި ވައްކަންތައް ފެނިގެންދިޔަ އަދި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި އެފަދަ އެނޫންވެސް ގިނަ ކަންތައްތަކެއް ހިނގައިދިޔަ ސަރުކާރެއް ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށް ލުން ހިމެނޭކަމަށް ވެސް ދުންޏާ ވިދާޅުވިއެވެ.

ދުންޏާގެ މިވާހަކަތަކަށް ރައްދުދެއްވައި މެމްބަރު ޝިޔާމް ވިދާޅުވީ، ރައްޔިތުން ތަހައްމަލްކުރި އަދި ތަހައްމަލްކުރާ ބިރުވެރި ޒަމާނެއްވާނަމަ އެޒިންމާ އެންމެ ބޮޑަށް ނަންގަވަންޖެހޭ ބޭފުޅުން އެފަދަ ވާހަކަ ދެއްކެވުން ލަދުވެތި ކަމަށެވެ. އަދި، މިވަގުތު އެމަނާ ހުންނެވި ޕާޓީ އަދި އެޕާޓީގެ ލީޑަރު ޕްރޮމޯޓު ކުރަން އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމިންގެ ނަންފުޅަށް ވެގެންގޮސްފި ކަމުގައިވެސް މެމްބަރު ވިދާޅުވިއެވެ.

ދުންޏާ މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅު ޕީޕީއެމް އިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދިނުމަށް ނިންމާފައެވެ.