މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ފިރިހެން އޯޕަން ބައިގެ ހީޓުގައި ވާދަކޮށް، ރާއްޖޭގެ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ތާރީޚީ ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.

މިއާއެކު ކުޑައައްޔަ ވެފައިވަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑިން މުބާރާތަކުން ގަދަ އަށަކުން ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ ބޮޑީބޯޑަރަށެވެ.

ކުޑައައްޔަ ވަނީ ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ފިރިހެން އޯޕަން ބައިގެ ހީޓުގައި، ދުނިޔޭގެ ރޭންކިންގައި ހިމެނޭ ފްރާންސްގެ ޔަން ސަލައުން ބަލިކޮށްފަ އެވެ. މިއަދުގެ ހީޓުގެ ކުރިން އިއްޔެ ކުރިއަށްދިޔަ ތިން ވަނަ ބުރުގެ ހީޓުގައި ވާދަކޮށް ކުޑަ އައްޔަ ވަނީ ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ޓަނާ މެކް ޑެނިއެލް ބަލިކޮށްފައެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޑަ އައްޔައާ ދެކޮޅަށް ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އުޅޭ ޓަނާ މެކްޑެނިއެލް އެވެ. މީގެކުރިން މި މުބާރާތުގައި ދެ ފަހަރެއްގެ މަތިން މި ދެ ބޯޑަރުން ވާދަކުރިއެވެ. ފުރަތަމަ ބުރުގައި ކުޑަ އައްޔަގެ މައްޗަށް ޓަނާ ކުރި ހޯދިއިރު، ތިން ވަނަ ބުރުގައި ކުޑަ އައްޔަ ވަނީ ޓަނާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ގަދަ 16 އިން ފެށިގެން ކޮންމެ ހީޓެއްގައި ވާދަކުރަނީ ދެ ބައިވެރިންނެވެ. އެހެންކަމުން ހީޓުން ބަލިވާ ބައިވެރިއެއް މުބާރާތުން ކަޓާނެ އެވެ. ގަދަ އަށެއްގެ ހީޓުތައް ކުރިއަށް ދާނީ މާދަމާ އެވެ.

މިއަދު ކުރިއަށް ހުރި އިވެންޓުތަކަށް ބަލާއިރު، ޑްރޮޕް ނީ ކެޓަގަރީގައިވެސް ކުޑަ އައްޔަ ވާދަކުރާނެ އެވެ.