ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުން މުމްބާއީއަށް ވަޑައިގެންނެވުމުން، މަރުޙަބާ ދަންނަވައި، މަހާރަޝްތުރާގެ ގަވަރުނަރު ޝްރީ ބަގަތު ސިންގް ކޮޝަޔާރީ މެންދުރުގެ ޚާއްޞަ ފަރިއްކޮޅެއް ދެއްވައިފިއެވެ.

ރައީސް ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މުމްބާއީއަށް ވަޑައި ގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މުމްބާއީގެ ރާޖް ބަވަންގައި ބޭއްވެވި މި ފަރިއްކޮޅުގައި، ރައިސުލްޖުމްހޫރިއްޔާ އާއި މަހާރާޝްތްރާގެ ގަވަރުނަރު ވަނީ، ދެޤައުމުގެ މަސްލަޙަތު އޮތް މުހިންމު މައުޟޫޢުތަކުގައި ވާހަކަފުޅު ދައްކަވާފައެވެ.

އަދި މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައިސް ޞާލިޙްގެ ޝަރަފުގައި، އިއްޔެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ ރަސްމީ ޖާފަތެއް ބާއްވާފައިވެއެވެ.

ރައީސް ޞާލިޙް މުމްބާއީއަށް ވަޑައިގެންނެވީ ނިއުދިއްލީއަށް ވަޑައިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ސަރުކާރާއެކު މަތީ ފެންވަރުގެ ރަސްމީ މަޝްވަރާތައް ކުރެއްވުމަށްފަހުގައެވެ. އަދި އެމަނިކުފާނު ވަނީ ނިއުދިއްލީގައި ބޭއްވި، އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން، މިދަތުރުފުޅުގައި އިންޑިއާ އާ ދެމެދު 6 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

އެގޮތުން، ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.

އަދި، މާލެ އާއި ވިލިމާލެ އާއި ތިލަފުށްޓާއި ގުޅީފަޅު ގުޅުވައިދޭ ބްރިޖްގެ ބިންގާވެސް ވަނީ މި ދަތުރުފުޅުގެ ތެރެއިން އަޅާފައެވެ.

ރައީސް ޞާލިޙް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 4 ވާ ބުރާސްފަތި ދުވަހުއެވެ.