ސްރީލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ފެށި މީހުން ކޭމްޕް ޖަހާފައިވާ ގޯލްފޭސް މައިދާން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހުސްކުރުމަށް އަންގައިފިއެވެ.

އެތަނުގައި މިހާރު ތިބި މީހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފުލުހުންގެ ބަޔަކު އައިސް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ހުކުރު ދުވަހުގެ ހަވީރު 5 ޖެހުމުގެ ކުރިން މައިދާން ހުސްކުރުމަށް އަންގާފައިވާ ކަމަށެވެ.

ސްރީލަންކާ ފުލުހުންވެސް ވަނީ އެކަމާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ.

ބަޔާނުގައި ބުނެފައިވަނީ، ގޯލްފޭސް މައިދާނުގައި ޖަހާފައިވާ ޓެންޓުތަކާއި، ހަޓްތައް ނަގައި، ހުކުރު ދުވަހުގެ ހަވީރަށް ތަން ހުސްކުރުމަށް އަންގާފައިވާނޭ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، ގޯލްފޭސް ގްރީން އާއި، ވަށައިގެންވާ ސަރަހައްދުތަކުގައި ކޭމްޕް ޖަހައިގެން ތިބި މީހުން އެތަނުގައި ގަވާއިދާ ޚިލާފަށް އިމާރާތްތައް ހަދައި އަދި ދަނޑުވެރިކަންވެސް ކުރަން ފަށާފައިވާ ކަމަށެވެ. އެ ބިމަކީ، ސަރުކާރުގެ ބިމެއް ކަމަށްވާތީ އެތަން ހުސްކުރަން އެންގީ ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިހާރު ދެވިފައިވާ މުހުލަތު ހަމަވާއިރު އެތަނުގައި ތިބޭ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނޭ ކަމަށެވެ.

ގޯލްފޭސްގެ ކުރިމައްޗަށް ވާގޮތަށް ހުންނަ ސްރީލަންކާ ރައީސްގެ ރަސްމީ އޮފީސް ހިސާރުކޮށްގެން ތިބުމަށްފަހު، ފަހުން އެ އޮފީހުގެ ދޮރުމަތީ ސަރަހައްދުގައި ގާއިމްވެތިބި މުޒާހަރާގެ ބައިވެރިން، ސަލާމަތީ ބާރުތަކުންވަނީ ބާރުގެ ބޭނުންކޮށްގެން އެތަނުން ދުރުކޮށްފައެވެ.

އަދި ގޯލްފޭސްގައި ކޭމްޕް ޖަހައިގެންތިބި މީހުންނަށްވެސް ހަމަލާދީ، ސަލާމަތީ ބާރުތަކުން ވަނީ އެމީހުން ޖަހާފައިވާ ޓެންޓްތަކާއި ކޭމްޕްތަކަށްވެސް ބޮޑެތި ގެއްލުން ދީފައެވެ. މިކަމުގެ ތެރޭގައި ފަންސާހަށްވުރެ ގިނަމީހުން ޒަޚަމްވިއެވެ. އޭގެތެރޭގައި ނޫސްވެރިންވެސް ހިމެނެއެވެ.

ނަމަވެސް، ދުނިޔޭގެ ޕްރެޝަރު ބޮޑުވެގެން ސަލާމަތީ ބާރުތަކަށް ގޯލްފޭސް ހުސްކުރެވޭގޮތެއް ނުވިއެވެ.

ބަދަލުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަވަނީ، މުޒާހަރާ ކުރާ މީހުންނަށް އެކަމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި އިއުލާން ކުރައްވާފައެވެ.

ރައީސް ރަނިލްވެސް ފަހުން ވިދާޅުވެފައިވަނީ، ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެ ކަމަށާއި، އެކަން ނުހުއްޓުވާނެ ކަމަށެވެ.

ސްރީލަންކާގެ އިގްތިސާދު ހީނަރުވެ، ރައްޔިތުން ބިކަވެ ހާލުގައިޖެހުމުން އެތައްހާސް އާންމުން ނުކުމެ ފެށި ވަރުގަދަ މުޒާހަރާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ ސަރުކާރު އެއްކޮށް ބަދަލުވެ ސްރީލަންކާގެ ސިޔާސީ މަސްރަހް އެފުށް މިފުށަށް ޖެހިގެން ދިއުމެވެ.

އެހެން ނަމަވެސް، ސްރީލަންކާގައި މިހާރު ހިންގާފައިވާ އިމަޖެންސީގެ ތެރެއިން، އިސްލާހަށް އެދި މަގުތަކަށް ނުކުތް އެތައްބަޔަކު ހަމައެއް ލަމައެއްތި ހިފާ ހައްޔަރު ކުރަމުންދާ މައްސަލަވަނީ ހޫނުވެފައެވެ.

ވެރިކަން ބަދަލުކޮށްލި މުޒާހަރާތަކުގައި އިސްކޮށް އުޅުނު އެތައްބަޔަކަށް ފުރައްސާރަކޮށް، މުޒާހަރާގެ ބައިވެރިންނާއި، ސިވިލް ސޮސައިޓީ އެކްޓިވިސްޓުންނާއި، ގާނޫނީ ވަކީލުންނާއި އަދި ނޫސްވެރިންވެސް ހައްޔަރުކުރަމުން ގެންދާތީ، ހިއުމަން ރައިޓްސް ވޮޗުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސްރީލަންކާ ސަރުކާރުގެ މިއަމަލަކީ ގާނޫނާ ޚިލާފް އަމަލުތަކެއް ކަމަށާއި، މީގެ ބޭނުމަކީ ސްރީލަންކާއަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ނިކަމެތި ހާލަތުގެ ފޯކަސް ގެއްލުވާލުން ކަމަށް ދެކޭ ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗުން ބުނެފައި ވެއެވެ.