ފަހަކަށް އައިސް ކްރިސްޓިއާނޯ ރޮނާލްޑޯގެ އަމަލުތައް ހުންނަގޮތް ގޯސް ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް، މެންޗަސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

ޓެން ހާގް މިހެން ބުނެފައިވަނީ، އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑުން ކުރިއަށްގެންދިޔަ ޕްރީ ސީޒަން ޓުއަރ ގެ ތެރެއިން ކުޅުނު އެންމެފަހު މެޗުގައި، މެޗު ނިމުމުގެ ކުރިން ރޮނާލްޑޯ ދަނޑު ދޫކޮށް ދިއުމުގެ ސަބަބުން ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

1-1 އިން އެއްވަރުވި މިމެޗުގެ ފުރަތަމަ 11 ގައި ރޮނާލްޑޮ ހިމެނުނު ނަމަވެސް، ދެވަނަ ހާފަށް ޔުނައިޓެޑުން ނުކުތްއިރު ކޯޗު ޓެން ހާގް ވަނީ ރޮނާލްޑޯގެ ބަދަލުގައި އެހެން ކުޅުންތެރިއަކު އަރުވާފައެވެ.

އަދި އެއަށްފަހު މެޗު ނިމުމުގެ ކުރިން ރޮނާލްޑޯ ދަނޑު ދޫކޮށްދާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި އާންމުވެ، ގިނަބައެއްގެ ފާޑުކިޔުންތަކެއް ރޮނާލްޑޯއަށް ވަނީ އަމާޒުވެފައެވެ. އަދި ރޮނާލްޑޯ އަށްފަހު ޑިއޯގޯ ޑެލޮޓް އާއި އެހެން ބައެއް ކުޅުންތެރިންވެސް މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަމުގެ ފާޑުކިޔުންތައް އަމާޒުވަމުންދިޔަ ދަނޑިވަޅެއްގައި ޔުނައިޓެޑުގެ އޮފިޝަލުން ވަނީ، ރޮނާލްޑޯ އާއި އެހެން ބައެއް ކުޅުންތެރިން މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ދިއުމާއި ގުޅިގެން އެ ކުޅުންތެރިންނާއި ކޯޗާއި ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ.

އެހެންނަމަވެސް މިކަމާ ގުޅިގެން ވަޔާޕްލޭ ސްޕޯޓް އަށްދިން އިންޓަވިއު އެއްގައި ވާހަކަދައްކަމުން ޓެން ހާގް ވަނީ އޭނާގެ އުދާސްތައް ބޭރުކޮށްލާފައެވެ. އެގޮތުން އޭނާ ބުނީ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ރޮނާލްޑޯ ކަމުގައިވީނަމަވެސް އަދި އެހެން ކުޅުންތެރިއެއް ނަމަވެސް، މިއީ އެއް ޓީމެއް، އެއް ސްކޮޑަކަށްވާއިރު، މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވެ ހުރިހާ ކަމެއް ނިމެންދެން ޓީމެއްގެ ގޮތުގައި ތިބެން ޖެހޭނެކަން ޓެން ހާގް ފާހަގަކުރިއެވެ.

ޕްރީ ސީޒަން ޓުއާގެ ތެރެެއިން ރޮނާލްޑޯ ޔުނައިޓެޑުގެ ސްކޮޑުގައި ހިމެނުނީ އެންމެ ފަހު މެޗުގައި އެކަންޏެވެ. އޭގެ ކުރިން ކުޅުނު މެޗުތަކުގައި ރޮނާލްޑޯ ބައިވެރިނުވީ، އާއިލީ ޒިންމާގެ ގޮތުގައި ދުވަސްތަކެއް ބޭނުންވާކަން ކުލަބަށް އެންގުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ރޮނާލްޑޯ ޓީމުގެ ޓުއަރ ތަކުގައި ބައިވެރިނުވީ އޭނާ އެކުލަބު ދޫކޮށްލަން ބޭނުންވާތީއެވެ.

ރޮނާލްޑޯ ވަނީ ހުސްވި ޖުލައި މަހުގެ ތެރޭގައި އޭނާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. މިއާއެކު ރޮނާލްޑޯ އާއި ޔޫރަޕުގެ ބޮޑެތި ގިނަ ކުލަބުތަކަކާއި ގުޅުވައިގެން މީޑިއާގައި ވާހަކަތަކެއް ދެކެވިފައިވެއެވެ. އެގޮތުން ޗެލްސީ، ޕީއެސްޖީ، ބަޔާން މިއުނިކު އަދި އެތްލެޓިކޯ މެޑްރިޑަށްވެސް ރޮނާލްޑޯ ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އެހެންނަމަވެސް ރޮނާލްޑޯގެ ސޮއި ހޯދުމަށް މީގެއިން އެއްވެސް ކުލަބަކުން ރޮނާލްޑޯގެ އޭޖެންޓާއެކު ރަސްމީ މަޝްވަރާތަކެއް ކޮށްފައި ނުވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.