ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރިއަށް ވަޑައިގަންނަވަންވީ ފިލްމީ ދާއިރާއިންކަމަށް، މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިފަދައިން ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައިވާކަމަށް ބުނުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ނަޝީދުގެ ފޯނު ޖަހައިގަތުމާ ގުޅޭގޮތުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު "ވީނިއުސް" އާއި ވާހަކަދައްކަވަމުން ވިދާޅުވީ، ބުދަ ދުވަހުގެ މެންދުރުގެ ފަރިއްކުޅުއްވުމަށް އިނގިރޭސިވިލާތުގެ ރެސްޓޯރަންޓެއްގައި ދަރިކަނބަލުންނާއިއެކު އިންނަވަނިކޮށް، ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެގެން މީހަކު ފިލާފައިވާ ކަމަށެވެ. އަދި މިކަން އެގައުމުގެ ފުލުހުން ތަހުގީގުކުރަމުންދާކަންވެސް ޒިޔާއު ހާމަކޮށްފައިވެއެވެ.

ފޯނު ޖަހައިގަނެފައިވާކަން ރައީސް ނަޝީދުގެ ދަރިކަނބަލުންނާއި ހަވާލާދީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގައި ކަށަވަރުކޮށްދެއްވާފައިވާއިރު، މިކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް ރައީސް ނަޝީދަށް އަންނަނީ އަމާޒުވަމުންނެވެ.

ސަބަބަކީ، ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޚް، އަންހެނަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ފޮޓޯތައް ފުލުހަށް ހުށަހަޅަންވީތޯ ވިދާޅުވެ ރައީސް މުޙައްމަދު ނަޝީދު އިންޒާރުދެއްވާފައިވާތީއެވެ. މީސްމީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ރައީސް ނަޝީދު، އެމަނިކުފާނުގެ ފޯނު މީހަކު ޖަހައިގަނެފިކަމަށް ވިދާޅުވަނީ، އެމަނިކުފާނު އެ ވިދާޅުވާފަދަ ފޮޓޯތަކެއް އަތުގައި ނެތުމުން، އެ ފޮޓޯތައް ތަހުގީގީ އިދާރާތަކަށްވެސް އަދި އެހެން ފަރާތްތަކަށްވެސް ހެކީގެ ގޮތުގައި ހުށަނޭޅޭނެތީ ކަމަށެވެ.

އަދި އެފަދަ ފޮޓޯތަކެއް ހުރިކަމުގައިވާނަމަ، މިހާ ދުވަސްވީއިރު ތަހުގީގީ އިދާރާތަކަށް އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވަނީ ކީއްވެތޯވެސް ގިނަބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.

"ރައީސް ޞާލިހްގެ މައްޗަށް ޒިނޭ ސާބިތުވާ ހެކި ހުރި ނަޝީދުގެ ފޯނު ޖަހައިގެންފި!"، މި ސުރުހީގެ ދަށުން ލިޔެފައިވާ ޚަބަރެއްގެ ސްކްރީންޝޮޓް ހިއްސާކުރައްވާ، ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން މެމްބަރު މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވަނީ، ރައީސް ނަޝީދު އިޚްތިޔާރުކޮށްފައިވަނީ އަސްލު ނުބައި ދާއިރާއެއް ކަމަށެވެ. އަދި ރައީސް ނަޝީދު ފިލްމީ ދާއިރާއިން ކުރިއަށް ދިއުން މާ ރަނގަޅުވާނެކަމަށް މެމްބަރު ވިދާޅުވެފައިވެއެވެ.

ފަހަކަށް އައިސް ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަށް އަދި މީސްމީޑިއާގެ މަންސަތަކުގައި ހިއްސާ ކުރައްވާ ޚިޔާލުފުޅުތަކަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީގެ މެމްބަރުންނާއި، ގިނަ އަދަދެއްގެ އާންމުންގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. ލިވާތުކުރިކަމުގެ ތުހުމަތުގައި ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމުން ރައީސް ނަޝީދު މި ސަރުކާރަށާއި ރައީސް ޞާލިޙް އަށް އަމާޒުކޮށް ދެއްކެވި ވާހަކަފުޅުތަކަށް އަދި ޔޯގާ އާއި ގުޅޭގޮތުން ރައީސް ނަޝީދު އިއްވެވި ރަޢުޔަށްވެސް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.