އެހެން ގައުމެއްގެ ފައި ބުޑަށް ވެއްޓުން އޯކޭ އެއް ނޫން ކަމަށް، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިފަދައިން ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބިގެން ކުރިޔަށް ގެންދާ މަޝްރޫއެއްކަމަށް ކަމަށް ވާތީއެވެ.

މިކަމާ ގުޅިގެން ދުންޔާ ކުރެއްވި ޓްވީޓްގައި ވަނީ، ބްރިޖް އެޅުން އޯކޭ ކަމަށާ، ނަމަވެސް ގައުމެއްގެ ފައި ބުޑަށް ވެއްޓުން އޯކޭ އެއް ނޫން ކަމަށެވެ.

ދުންޔާގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިމިވަނީ ތިލަމާލޭގެ ބްރިޖު އެޅުމަށް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައިވަނިކޮށެވެ.

އަލަށް އަޅާ ބްރިޖްގެ ބިންގާ އަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް، އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިމަހުގެ 2 ވަނަ ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މާލެ އާއި ވިލިމާލެ އާއި ތިލަފުށްޓާއި ގުޅީފަޅު ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ފައްޓަވައި ދެއްވީ ރައީސް ޞާލިހާއި އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީއެވެ.

ތިލަމާލޭ ބްރިޖް ގެ އިތުރުންވެސް އިންޑިއާއިން ވަނީ ރާއްޖެއާ ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތަކެއްގައި ސަޮއި ކުރައްވާފައެވެ. އެގޮތުން، ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.