ބައެއް ހާލަތްތަކުގަ ސަބްސިޑީ ބޭނުން ނުވާމީހުންނަށްވެސް ދައުލަތުން ސަބްސިޑީ ދޭކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މުމްބާއީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމަށްފަހު ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ދައުލަތުން ސަބްސިޑީ ދެނީ އެންމެ މުއްސަނދި މީހާ އާއި އަދި ފަގީރު މީހާއަށްވެސް އެއްވަރަށް ކަމަށާއި އާންމު ހާލަތުގައިވެސް އިގްތިސާދު ކުރިއަރަމުންދާ ހާލަތުގައިވެސް ހަމަހަމަކޮށް އެއް ހަމައަކުން ސަބްސިޑީ ދިނުމަކީ އެންމެ ރަނގަޅުގޮތައް ނުވެދާނެ ކަމަށެވެ.
ތެލުގެ އަގު 140 ޑޮލަރުގައި ހުރިކަން ފާހަގަކުރައްވާ އަމީރު ވަނީ މިހާލަތުގައިވެސް ފިއުލް ޑިސްކައުންޓު ދޭ ކަމަށާއި އަދި ބައެއް ހާލަތްތަކުގަ ސަބްސިޑީ ބޭނުން ނުވާމީހުންނަށްވެސް ދައުލަތުން ސަބްސިޑީ ދޭކަމަށެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވިއިރު ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް، ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިއްމު ކަމުގައި ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ. މި ބަދަލު ތަފްސީލުކޮށް، ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް، ސަރުކާރުން ފަށާފައިވާ ކަމަށާއި މިއީ ދުޅަހެޔޮ އިގްތިސާދީ އޮމާން ދުވެލީގެ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލުވުމަށް، މިވަގުތު ކޮންމެހެން އުފުލަންޖެހޭ ބުރައެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މި އަހަރަށް ބަޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ ޖުމްލައަކީ، 341.5 މިލިއަން ރުފިޔާއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި، މުދަލުގެ އަގު، އިންތިހާއަށް އުފުލިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
އަދި މި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިޔުމުގެ ސަބަބުން، މިދިޔަ ޖޫން މަހުގެ ނިޔަލަށް، ޖުމްލަ 910.3 މިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް އެކަނި ޚަރަދުވި ކަމަށާއި މިހާރު ލަފާކުރެވޭ ގޮތުން، މި އަހަރުގެ ނިޔަލަށް މިޙާލަތުގައި ދާނަމަ، ޖުމްލަ 1.95 ބިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.