އިންޑިއާގެ މުމްބާއީގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މުމްބާއީއަށް ވަޑައި ގަތީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީ.އައި.އައި.) އިންތިޒާމުކުރި، އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ބޭނުމަކީ ދެ ޤައުމުގެ އިސް ވިޔަފާރިވެރިން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް ދެ ޤައުމުގެ ދެމެދު ވިޔަފާރިއާ އިޤްތިޞާދީ ގުޅުންތައް ކުރިއަރުވާ އިތުރުކުރުމެވެ.

މުމްބާއީގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ނިއުދިއްލީގައި ބޭއްވި ފޯރަމްގައި އެމަނިކުފާނު ވަނީ ތަޤްރީރު ކުރައްވާފައެވެ.

ރައީސް ޞާލިޙް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުން ދެ ޤައުމުގެ މެދުގައިއޮތް ގާތްގުޅުން ރަމްޒު ކޮށްދެއެވެ. އިންޑިއާއަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެވެސް މުހިންމު ބައިވެރިއެކެވެ. ދިވެހިރާއްޖެއާއެކު އޮތް މި ގުޅުމުގެ ތެރެއިން ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއްގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދާކަން ރައީސް އޮފީހުން ފާހަގަކުރެއެވެ.

މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.