ތިރީގައި މިވަނީ، މަޝްހޫރު ވާހަކަ ލިއުންތެރިޔާ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.

*****

އެތެރެގެއިން އިވެމުންދިޔަ ވޭންވަރުގެ އަޑާއިއެކު ހަސަނަށް ހިމޭނަކުން ނުހުރެވުނެވެ. ދެއަތުން މުންޑުގެ ދެފަރާތުގައި ހިފައި ކަކުލާއި ހަމަޔަށް ހިއްލާލުމަށްފަހު އެތެރެޔަށް މަޅައިލައި އަރުވާޖަހާލިއެވެ. ހާސްވެ ކަންބޮޑުވުމާއިއެކު ދެއަތް ފުރަގަހަށްލައި މެދުގެ ތެރޭގައި ދެފަރާތަށް ހިނގަންފެށިއެވެ. މޫނުމަތިން ހިއްލާފައި ހުރި ދާތަށް ބައެއްފަހަރު އަތުގެ މުލަށްދަނޑިން ފޮހެލައެވެ. އަނެއްބައި ފަހަރު އެތެރެގޭ ފޮތިގަނޑު ހިއްލާލާފައި އެތެރެގޭތެރޭގެ ހާލަތު ބަލައިލައެވެ. އަނެއްބައި ފަހަރު ބޭރުގޭ ބޮޑު އަށީގައި އިން މުދިންބެއަށް ބަލައިލައެވެ. ހާސްވެ ކަންބޮޑުވުމާއި އެކުއެވެ. އެތަށް ހާސް ސުވާލު ތަކަކާއިގެންނެވެ. ދެން ކަންކުރަންވީގޮތެއް ނުވަތަ ކަން ވާންވީ ގޮތެއް ނޭނގިގެންނެވެ.

މުދިންބޭގެ އެދުމަށް ދެފަރާތަށް ހިނގަހިނގައި ހުރި ހަސަނު ގޯތި ތެރޭގައި ހުރި ދަނބުރުކުން ކިހާކެއް ބިމުގައި ނުޖައްސައި ގެނެސް މުދިންބޭ އަތަށް ފޯރުކޮށްލިއެވެ. އެއާއިއެކު މުދިންބޭ އޭގައި ލިޔަންފެށިއެވެ. އިރުގަނޑެއް ވަންދެއް ލިޔުމަށްފަހު ކިހާކުގައި ތަރިއެއް ކުރަހާ އޭގައި އަރަބި އަކުރުން ނަންބަރުތަކެއް ޖެހިއެވެ. ތަރީގެ މަތީގައި އަންހެނެއްގެ ސޫރަ ކުރަހާއި އެސޫރައިގެ ބަނޑާއި ހަމާގައިގައި ކުޑަ ކުއްޖެއްގެ ސޫރަ ކުރެހިއެވެ. އަދި ހަސަނަށް އިޝާރާތްކޮށް ތަންކޮޅެއް ދުރުގައި ހުރި ދަގަނޑު ތައްޓެއް ދިއްކޮށްލުމަށް އެދުނެވެ. ހަސަނު އެތަށީގައި ހުރި ފެންފޮދު ބޭރަށް އުކާލުމަށްފަހު ތަށި މުދިންބެއަތަށް ދިއްކޮށްލިއެވެ.

އަތުގައި އޮތް ތައްޓައް ތުންތަޅުވަމުން ދެތިން ފަހަރު ފުމެލުމަށްފަހު ތަށި ކުރިމަތީގައިހުރި މުޖުމަރާއިން އަރަމުންދިޔަ ދުންތަށްކަށް ދިއްކޮށްލިއެވެ. ތަށިތެރެޔަށް ދުންގަނޑު ވަންނާނޭހެން އިރަކޮޅަކު ހިފަހައްޓާލިއެވެ. އަދި ތަށި އެއްފަރާތެއްގައި ބޭންދުމަށްފަހު ކައިރީގައި އޮތް މަސްދަތް ފިޔޮހިނަގައި ކިހާކުގެ މެދަށް ޖެހިއެވެ. ވަޅީގެ ތޫނުކަމާއި ކިހާކުގެ ޅަކަމުން އިސާހިތަކު ވަޅީގެ ފުންމިނަށް ވަޅި ކިހާކުގެ ތެރެޔަށް ވަދެގެން ދިޔައެވެ. މުދިންބެ ވަޅި ކިހާކުން ދަމައިގަތުމަށްފަހު އޭގައިހުރި ފެންފޮދު ކުރިން ކިޔަވާ ދުން އަރުވާފައިއޮތް ދަގަނޑު ތަށިތެރެޔަށް އަޅާލިއެވެ. ސަހާދަތް އިނގިލިން ތަށީގެ އަނގަމަތީގައި ވަށައިގެން އިނގިލިން ކާއްތަމުން އެއްޗެހިތަކެއް ކިޔަވައި ތަށިތެރެޔަށް ފުމެލިއެވެ. އަދި ހަސަނާއި ދިމާލަށް ތަށި ދިއްކޮށްލުމަށްފަހު މި ގެންގޮސް އެއްބައި ބޯންދީފައި އަނެއްބައި ދަށްބަނޑުގައި އުނގުޅާށޭ ބުނެލިއެވެ.

މުދިންބޭދިން ތަށި ހިފައިގެން ހަސަނު އެތެރެގޭތެރެޔަށް ވަދެ އަތްގާތް ކޮށްދޭންހުރި އަންހެނެއްގެ އަތަށް ތަށި ދިއްކޮށްލިއެވެ. އަދި މުދިންބެ ބުނި ފަދައިން އެއްބައި ބޯންދީފައި އަނެއްބައި ދައްބަނޑުގައި އުނގުޅަން ބުނެފައި ބަލައިލީ ފާތުމައާއި ދިމާލަށެވެ. އެފަކީރު އެހެން ތެޅިތެޅި އޮންނަތާ މިހާރު ކޮން އިރެއް ހެއްޔެވެ. ގައިމު އެއީ އަސުރުން ފޭބީއްސުރެ ބަނޑުގައި ރިއްސާތީ އުޅުނު މީހާއެވެ. އިޝާއިން ފޭބީންސުރެ ވޭންވަރު އަރަނީއެވެ. ވިހޭގޮތެއް ނުވިއެވެ. ނަމަވެސް ދެންމެ ދެންމެ ހީވަނީ ވިހައިފާނެހެންނެވެ. އަޅާ ވޭންވަރުގެ ގަދަކަމުން ފާތުމަގެ ހެޔަށްވެސް ގޮތްވާފަހަރު އާދެއެވެ. ކިރިޔާވެސް މައިތިރިވީ މުދިންބެ ކިޔަވައިފައި ދިން ފެންތަށިންނެވެ.

އެތެރެގޭ ތެރޭގައި ރޯނުފުރާފައިހުރި އެނދު ކައިރީގައި ފަންކާއެއް ހިފައިގެން ފާތުމައަށް ވިހެދޭން މީހެއް ހުއްޓެއްކަމަކު ފާތުމަ އޮތީ ދާހިއްލާ ތަތްތެޅިފައެވެ. ދެފައި ފޭކޮށް ކޮންމެވެސް ވަރަކަށް ކަކުލުން ލަންބައިގެން އޮތްއިރު ފޫޅުން ތިރި ނިވާވާނޭހެން އޮތީ ފޮތިގަނޑެއް އަޅާފައެވެ. ބޯލާކޮޅުގައި މަތިން ތިރިޔަށް ރޯނުގަނޑެއް ފާތުމަ އަތް ޖެހޭވަރަށް ތިރިޔަށް ދަމާފައި ހުއްޓެވެ. އަރައިގެން އަންނަ ވޭންވަރާއިއެކު ފާތުމަ އެ ވާގަނޑުގައި ހިފާ ބާރުލެވޭތޯ މަސައްކަތް ކުރެއެވެ. އަނެއްބައި ފަހަރު އެނދުގެ ފަޑީގައި ނުވަތަ ކައިރީގައި ހުންނަ ކޮންމެވެސް މީހެއްގެ އަތުގައި ބާރުލައި ހިފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ވަރުބަލިވެގެން މީހާ ހުއްޓާލަނީއެވެ.

މުދިންބެ ދިން ފެންތަށި ބިސްމި ކިޔާފައި އައިސައްތަ ފާތުމާގެ ތުނބުގައި ޖައްސާ ބޯލުމަށް އިރުޝާދު ދިނެވެ. އައިސައްތަގެ އިރުޝާދާއި އެއްގޮތަށް ފެންތަށިން އެއްބައި ބުއިމުން ފެންތަށި ތުނބުން ނައްޓާލިއެވެ. ތަށިތެރެޔަށް ބަލާލާފައި އައިސައްތަ ކަނާއަތް ގޮނިކޮށްފައި ތަށިން ފެންފޮދެއް އަތް ގޮށްޓައް އަޅައިލިއެވެ. އަދި ބިސްމި ކިޔާފައި ފާތުމަގެ ފޫޅުން ތިރިޔަށް އަޅާފައިއޮތް ފޮތިގަނޑު ދަށުން އަތްވައްދައި ދަށްބަނޑުގައި ހާކާލިއެވެ. އަނެއްކާވެސް ހަމަ އެފަދައިން ތަށީގައި ބާކީހުރި ފެންފޮދުވެސް އަތް ގޮށްޓަށް އަޅައި ބިސްމި ކިޔާފައި ފާތުމަގެ ދަށްބަނޑުގައި ހާކާލިއެވެ.

މާކަގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ފާތުމަގެ ބަނޑަށް ފެނުގެ އަސަރު ދިއުމާއި އެކު ވޭންވަރު އަރައިގަތެވެ. ވީނުވީއެއް ނޭގި އެލުވާފައި ހުރި ރޯނުގަނޑުގައި ފާތުމަ ހިފައި ބާރުކޮށްލީ އައިސައްތަގެ އިރުޝާދާއި އެއްގޮތަށެވެ. ތަންވަޅު ބަލާފައި އައިސައްތަ ފާތުމަގެ ބަނޑުގެ މަތީގައި މަޑުމަޑުން އަތް އަޅާއި ތިރިޔަށް ވާނޭހެން ބާރުކޮށްލިއެވެ. ހަމަޖެހިގެން ފުންކޮށް ނޭވާލުމަށްފަހު އަދި ހިފާލުމަށް އައިސައްތަ އެދުނެވެ. ފާތުމަ ކަންތައްކުރީ އައިސައްތަ އިރުޝާދާއި އެއްގޮތަށެވެ. ބޯ ނިކުތުމާއިއެކު އައިސައްތަގެ ވާތުން ބޯ އެލުނަނުދީ ހިފެހެއްޓިއެވެ. އަދި ކަނާއަތުގެ ޝަހާދަ އިނގިލިން ކުއްޖާގެ ކަރުގެ ވަށައިގެން އަތް ކާއްތާލައި ފޫޅު ކަރުގައި އެޅިފައި ނެތްކަން ޔަގީން ކޮށްލިއެވެ.

މާގިނަ އިރުތަކެއްނުވެ ކުއްޖާ އެނބުރި އެއްކޮން ބޭރަށް ދެމިގަތެވެ. އެއާއިއެކު އައިސައްތަ އެ ކުއްޖާފުޅު އެއްކޮށް ދަމައިގަނެ ފޮތިގަނޑަކަށްލައި ދެލޮލާއި އަނގަ ސާފުކޮށްލިއެވެ. ރޭގަނޑުގެ ހިމޭންކަން އިސާއިހިތަކު ފޫއަޅުވާލައި ގޭތެރެއެއްއަޑު ކޮށްލީ ކުޑަކުއްޖެގެ ރުއިމުގެ އަޑުންނެވެ. ފާތުމަ ވެފައި އޮތް ވަރުބައްޔާއި ވީ އުފަލުގެ ބޮޑުކަމުން އުފަލުން ރޯންފެށިއެވެ. ބޭރުގޭތެރޭގައި ހާސްވެފައި ހުރި ހަސަނުގެ ކަންފަތުގައި ރުއިމުގެ އަޑު ޖެހުމާއިއެކު އުފަލުން ފެށީ ރޯށެވެ. ރޮމުންގޮސް މުދިންބޭގެ އަތުގައި ދެއަތުން ހިފައި ހަސަނުގެ ނިތުގައި ޖައްސައިލިއެވެ. އެއާއިއެކު މުދިންބެ ހަސަނުގެ ކޮނޑުގައި ޖަހާލައި ބޮލުގައި ފިރުމާލިއެވެ.

އައިސައްތަ ކުއްޖާސާފުކޮށް ފޫޅުކަނޑައި ފާތުމަ ސާފުކޮށް އެތެރެގޭތެރެ ހަމަޔަކަށް އަޅުވައި ހަސަނަށް ގޮވާލިއެވެ. ހަސަނު އެތެރެގޭތެރެޔަށް ވަތް ވަގުތަކީ ފާތުމައަށް ހަސަނާއި ދިމާލަށް ބަލައިލެވުނު ވަގުތެވެ. އެވަގުތު ހަސަނުވެސް އުފަލުން ފޮޅިފައިހުރެ ފާތުމައާއި ދިމާލަށް ބަލައިލިއެވެ. މަޑުމަޑުން ގޮސް ފާތުމަގެ މޭމަތީގައިއޮތް ކުޑަސޮރަށް ބަލައިލިއެވެ. ލޮލުން ފޭދިފައިހުރި އުފާވެރިކަމުގެ ކަރުނަތަށް ފޮހެލުމަށްފަހު އެސޮރުނަގައި އުރާލިއެވެ. އަދި ހިނިތުންވެ ހުރެ ފާތުމައާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ސާފުކުރަން ޖެހޭތަނެއް ސާފުކޮށް ބޭސްއަޅާ ނިންމާފައި އައިސައްތަ ހަސަނަށް ގޮވާލިއެވެ. އަދި މަސް އަހިފަތަކަށް ލާފައި ވަޅުލަން ބުންޏެވެ.

އައިސައްތައާއިއެކު ހަސަނު އެތެރެގޭތެރެއިން ނިކުތީ ކޮންމެވެސް ވާހަކަތަކެއް ދައްކަމުންނެވެ. ބޭރުގޭތެރެޔަށް ނިކުތްއިރު ބޭރުގޭ އަށީގައި މުދިންބޭ އިންތަން ފެނިލެއްވުމުން އައިސައްތަ އަވަސްވެގަތީ މުދިންބެއާއި ދިމާލަށެވެ. އައިސައްތަ ކައިރިޔަށް އަންނަތަން ފެނުމުން މުދިންބެ ކޮޅަށްތެދުވެ އައިސައްތައަށް އަށީގެ އެއްކޮޅުގައި އިށީންނަން ދައުވަތު ދިނެވެ. އޭރު ގޭތެރެއިން ކޮންމެވެސް އަންހެނަކު މުދިންބެއަށް ދުންގަނޑެއް އަޅައިގެން ގެނެސް ބޮޑުއަށި މަތީގައި ބަހައްޓަނީއެވެ. އައިސައްތަވެސް ހަމަޖެހިލާފައި ފޫޅުމާފޮށި އަށީގެ ތަންކޮޅެއް އެތެރޭގައި ބަހައްޓާލާފައި މުދިންބެ އަތުން ދުފާފޮށިނަގައި ފޯއްފޮއްޗެއް ކޮށާލިއެވެ.

ވަރުގަދަޔަށް ދުފައިލައި ފޯއްކޮޅު ހިމުންވެލާހާވަރު ޔަގީންކޮށްލާފައި މުދިންބެ ގުޑުގުޑާނޮޅި އައިސައްތައަށް ދިއްކޮށްލިއެވެ. ދުޑުގުޑާނޮޅީ ދަމާލަމުން އަދި މިވަރުގެ ކަމަކާއި ދުވަހަކުވެސް ދިމާނުވާ ކަމަށާއި ކަލާންގެ ރަހުމަތުން މިކަން ކާމިޔާބު ވީކަމަށް އައިސްއްތަ ބުނެލިއެވެ. އަނެއްކާވެސް ދެތިންފަހަރު ގުޑުގުޑާ ދަމާލުމަށްފަހު އައިސައްތަ ފެށީ އޭނަގެ ތަޖުރިބާއިންނެވެ. މަރިޔަންދީ ނިޔާވިފަހުން ރަށުގައި ވިއްސިނަމަ ވިއްސި ކުއްޖަކު ވިއްސީ އޭނާއެވެ. ފޫޅުމާކަމުގެ ތަޖުރިބާއާއި ތައުލީމު އޭނާ އުނގެނުނީ މަރިޔަންދީ ގާތުންނެވެ. މަރިޔަންދީހައި ކުޅަދާނަ ނުވިޔަސް މިހާރު އައިސއްތައަކީ މިކަމަށް އައު މީހަކަށް ނުވާނެއެވެ. އޭނާ މިމަސައްކަތުގައި އުޅޭތާ މިހާރު ނުވަ އަހަރުވީއެވެ. މި ފާއިތުވި ނުވަ އަހަރުތެރޭގައި އޭނގެ އަތްމައްޗަށް ފަސްދޮޅަހަކަށް ކުދިން ވާނީ އުފަންވެފައެވެ.

އެއިން ކޮންމެ ފަހަރަކީ ފަސޭހަ ފަހަރަކަށް ނުވިޔަސް މިފަހަރުހާ އުނދަގޫ ފަހަރެއް ނާދެއެވެ. އައިސައްތަ ދަމަންއިން ގުޑުގުޑާ ނޮޅި ކޮލުގައި ޖައްސާލައި މުދިންބެއާއި ދިމާލަށް ކުޑަކޮށް ބޯކައިރިކޮށް ގުދުވެލިއެވެ. މުދިންބެވެސް އެ ބުނަން އުޅޭ އެއްޗެއް އަހާލަށް އައިސައްތައާއި ދިމާލަށް ގުދުވެލިއެވެ. ސިއްރުން ކޮންމެވެސް ވާހަކައެއް އައިސައްތަ ދެއްކުމުން މުދިންބޭ އިސްޖަހައިގެން އިރުކޮޅަކު ވިސްނަން އިނދެފައި ފަހަރުގައި ވެދާނެ ކަމެއް ކަމަށާއި ތިޔަކަހަލަ ވާހަކައެއް އަދި ހަސަނުވެސް ފާތުމަވެސް ބުނެފައި ނެތްކަމަށް ބުންޏެވެ. އަދި އުނދަގުލެއް ތުރާލެއް ވާކަމުގައި ވަނީނަމަ ހަސަނުގާތު އަންގަން އެދިފައި ވާނެކަމުގައި ބުންޏެވެ.

ވަރަށް ގިނައިރު މުދިންބެއާއި އައިސައްތަ ވާހަކަ ދައްކަން ތިބެފައި ދުންގަނޑު ހުލިވުމުން ހަސަނުމެން ގެއިން ނިކުމެގެން ގެއާއިދިމާލަށް ހިނގައިގަތެވެ. މެންދަންވާން ކައިރިވެފައި ހުރުމުން އައިސައްތަ އެކަނި ނުފޮނުވަން މުދިންބެ ދިޔައީ އައިސައްތަ ގެޔަށް ލައިދޭށެވެ. އައިސައްތަ ގެޔަށް ލާފައި އައިސައްތަގެ ފޮށި އައިސައްތަ ބުނިތާގައި ބަހައްޓާފައި މުދިންބެ ހިނގައިގަތީ މުދިންބެމެން ގެއާއި ދިމާލަށެވެ. މުދިންބެމެންގެ ހުންނަނީ ހަސަނުމެންގެއާއި ކައިރީގައިކަމުން މުދިންބެ ހިނގައިގަތީ އައިކޮޅަށެވެ. މާބޮޑު ހިޔާލެއް ފިކުރެއް ނެތިއެވެ. (ނުނިމޭ)