މިހާރުވެސް ފިލްމެއްގެ މަސައްކަތުގައި ވަރަށް އަވަދިނެތި އުޅެމުން އަންނަ އެކްޓަރު އަޖޭ ދޭވްގަން ކާމިޔާބު ފިލްމު ސީރީސް "ސިންގްހަމް" ގެ 3 ވަނަ ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުކަމަށް ބުނެފިއެވެ.

ބަތަލާ ތާބޫއާއެކު "ބޯލާ" ކިޔާ ފިލްމެއްގައި އަޖޭ މަސައްކަތް ކުރަމުން އަންނައިރު "ސިންގްހަމް-3" ގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

ފިލްމުގެ ޕްރޮޑިއުސަރު ރޯހިތު ޝެޓީއާއި ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވަނީ ކުރިޔަށްއޮތް އަހަރުގެ އޭޕްރީލް މަހުގެތެރޭ ފިލްމުގެ މަސައްކަތް ފެށޭވަރުވާނެ ކަމަށެވެ.

ފިލްމު "ބޯލާ" ގެ އިތުރުންވެސް އިތުރު ފިލްމުތަކެއްގެ މަސައްކަތުގައި އަޖޭ މިއަހަރު އުޅޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމައެއާއެކު ޕްރޮޑިއުސަރު ރޯހިތު ޝެޓީވެސް މިއަހަރުގެ ބޮޑު ބައި ހޭދަކުރާނީ ކުރިޔަށްއޮތް ފިލްމު "ސާކަސް" ގެ ޕޯސްޓު ޕްރޮޑަކްޝަން މަސައްކަތުގައެވެ.

ފިލްމު "ސާކަސް" ގެ އިތުރުން "އިންޑިއަން ޕޮލިސް ފޯސް" ނަމަކަށްކިޔާ ފިލްމެއްގެ މަސައްކަތްވެސް ރޯހިތު އަންނަނީ ކުރަމުންނެވެ. މިފިލްމަކީ، އެކްޓަރު ސިދާތް މަލްހޯތްރާއާއި ވިވެކް އޮބްރޯއީ އަދި ބަތަލާ ޝިލްޕާ ޝެޓީއާއެކު ފަށާފައިވާ ފިލްމެކެވެ.

މިއަހަރުތެރޭ އަޖޭ މުހިއްމު ރޯލްއިން ފެނިގެންދިޔަ 3 ފިލްމެއްވަނީ ރިލީޒްވެފައެވެ. އެއީ ފިލްމު "ގަންގޫ ބާއީ"، "އާރް.އާރް.އާރް" އަދި އޭނާ މެއިން ރޯލްއިން ފެނިގެންދިޔަ ފިލްމު "ރަންވޭ-34" އެވެ.

އަޖޭގެ ކެރިއަރުގެ މުހިއްމު 2 ފިލްމެއް މިއަހަރު ސިނަމާތަކަށް އަންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ ފިލްމު "ތޭންކް ގޯޑް"، "ދްރިޝްޔަމް 2" އަދި ކެމޯއަކުން އަޖޭ ފެނިގެންދާ ފިލްމު "ސާކަސް" އެވެ.