މިދިޔަ މަހުތެރޭ ހަށިރައްކަލަށާއި އާއިލާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހަތިޔާރު ގެންގުޅުމުގެ ހާއްސަ ހުއްދައަކަށް އެދުމާއި ގުޅިގެން އެ ހުއްދަ ބޮލީވުޑުގެ ތަރި ސަލްމާން ޚާންއަށް ދީފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ދެ ދުވަސްކުރިން ސަލްމާންއަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ލިބިފައިވާއިރު އެކްޓަރު މިހުއްދައަށް އެދިފައިވަނީ ތަކުރާރުކޮށް މަރުގެ އިންޒާރު ލިބުމާއި ގުޅިގެންނެވެ.

އެކްޓަރަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ލިބިފައިވާއިރު އޭނާ 1.50 ކްރޯޑް ރުޕީސްގެ އަގުހުރި ބުލެޓް ޕްރޫފް ކާރެއްވެސް ގަނެ ބޭނުންކުރަން ފަށާފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަޑީގެ ވަޒަން ނާރާ މިކާރަކީ ޓޮޔޯޓާ ލޭންޑް ކްރޫޒާއެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެކްޓަރު މިކާރުގައި އެއާޕޯޓަށްދާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯތައްވެސް ދާދިފަހުން އިންޓަނެޓުގައިވަނީ ދައުރުވެފައެވެ.

ސަލްމާން ޚާންއަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ވަރުގަދަ ސެކިއުރިޓީ ފޯސް ގެންގުޅޭ އެކްޓަރު ނަމަވެސް މިފަހަކަށްއައިސް އޭނާވަނީ ސެކިއުރިޓީވެސް ކުރިޔަށްވުރެ ވަރުގަދަކޮށްފައެވެ.

ސަލްމާން ޚާންއަކީ އާއިލާގެ ހުރިހާ މެމްބަރުންދެކެވެސް ލޯބިވާ އާއިލީ ގުޅުން ދެމެހެއްޓުމަށްޓަކައި އަބަދުވެސް މަސައްކަތްކުރާ އެކްޓަރެކެވެ.

އާއިލާގެ ހުރިހާ މެމްބަރުންގެ ބޭނުންތަކަށްވެސް އިސްކަންދޭ އެކްޓަރަކީ ހާއްސަކޮށް މަންމަ ސަލްމާ ޚާންއާއި ބައްޕަ ސަލީމް ޚާންއާއި ވަރަށް ގާތްގުޅުމެއް ބާއްވާ ފަރާތެކެވެ.

މިދިޔަ މަހުގެތެރޭ ބައްޕަ ސަލީމް ޚާނަށް މަރުގެ އިންޒާރު އައުމާއި ގުޅިގެން އޭނާވަނީ އެކަމުން ރައްކާތެރިކަން ހޯދުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

ސަލްމާނަށާއި އާއިލާއަށް މަރުގެ އިންޒާރު ދިންކަމުގެ ޒިންމާ ނަގާފައިވަނީ ދާދިފަހުން ޕަންޖާބުގެ ލަވަކިޔުންތެރިޔާ ސިދޫ މޫސެވާލާއަށް ބަޑިން ހަމާލާދި މަރާލި ލޯރެންސް ބިޝޯނީކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދިފަހުން މި ގޭންގަށް ނިސްބަތްވާ ބަޔަކު ސަލްމާން ޚާން މުމްބާއިގައި ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓް ދޮށުގައި ހަރަކާތްތެރިވެފައިވާކަމުގެ ރިޕޯޓު ފުލުހުންނަށްވަނީ ލިބިފައެވެ.