ޗައިނާއިން މިހާތަނަށް ބާއްވާ އެންމެ ބިޔަ އަސްކަރީ އެކްސަސައިޒް، ޓައިވާން ކައިރީގައި މިއަދު ފަށައިފިއެވެ.
މިއީ، އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ޗައިނާގެ އަސްކަރިއްޔާގެ އާރާއި ބާރު ދުނިޔެއަށް ދައްކާލުމަށް ފެށި އެކްސަސައިޒެއް ކަމަށް ބުނެވެއެވެ.
ދުނިޔޭގައި އާގުބޯޓުފަހަރުގެ ދަތުރުތަކުގެ އެންމެ ކާރޫބާރޫބޮޑު ކަނޑުގެ ސަރަހައްދާއި އަދި ވައިގެ ސަރަހައްދުގެ ތެރޭގައި ޗައިނާއިން ފެށި މި އެކްސަސައިޒްގައި، ތަމްރީނުގެ ބައިތަކުގެ އިތުރުން، އަސްލު ހަތިޔާރު ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެކްސަސައިޒްގެ ހަރަކާތްތައް ޓައިވާންގެ ވަށައިގެންވާ 6 ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ޗައިނާއިންވަނީ ނިންމާފައެވެ. އެގޮތުން، ޓައިވާން ކަނޑުއޮޅީގެ ޓައިވާން ފަޅިއާ ވިހި ކިލޯމީޓަރު ސަރަހައްދުގައިވެސް އަސްކަރީ ހަރަކާތްތައް ހިންގަން ނިންމާފައި ވެއެވެ.
މި ކަނޑުއޮޅި ދެފަޅިއަށް ވާގޮތަށް ކަނޑައަޅާގައި ރޮނގު ހުރަސްކޮށް ޗައިނާގެ އަސްކަރީ މަނަރުތަކާއި، އަސްކަރީ މަތިންދާ ބޯޓުތައްވެސް ވަދެފައިވާ ކަމަށް ޓައިވާނުން ބުނެފައި ވެއެވެ.
ޗައިނާގެ 10 މަނަވަރު ރޮނގު ހުރަސްކުރި ކަމަށާއި، ނަމަވެސް ޓައިވާން ކަނޑުގެ ސިފައިން އެ މަނަވަރުތައް "ފައްސާލީ" ކަމަށް ޓައިވާންގެ އެތެރޭގެ މަސްދަރުތަކުން ބުނެއެވެ.
އެކްސަސައިޒްގައި މިއަދު ހެނދުނުވަނީ މިސައިލް އުދުއްސުމުގެ ޑްރިލް ކުރިއަށް ގެންގޮސްފައެވެ. މިކަން ކުރިއަށްދިޔައީ ޓައިވާންގެ އިރުމަތީ ކަންޑުގެ ސަރަހައްދުގައެވެ. މި ޑްރިލް ކުރިއަށްދިޔަ ވަގުތު އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުވެސް އޮތީ ބަންދުކޮށްފައެވެ.
ޓައިވާންގެ ވަށައިގެންވާ ސަރަހައްދުތަކުގައި ޗައިނާއިން ފެށި ވަރުގަދަ އަސްކަރީ އެކްސަސައިޒާ ގުޅިގެން ޓައިވާނުން ބުނެފައިވަނީ، މިއީ އދގެ އުސޫލުތަކާ ޚިލާފަށް ޗައިނާއިން ހިންގާ ވަރަށް ޒިންމާދާރުކަންކުޑަ އަދި ޣައިރުގާނޫނީ އަމަލެއް ކަމަށެވެ.
ޓައިވާންގެ އަސްކަރީ މަތިންދާ ބޯޓުތައް ޗައިނާގެ ބޯޓުތަކަށް ފާރަލަމުންގެންދާއިރު، މިސައިލް ސިސްޓަމްތައްވެސް މިހާރުވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.
ނޭންސީ ޕެލޯސީ ޓައިވާނުން ފުރާވަޑައިގަތުމާއެކު ޗައިނާއިންވަނީ ޓައިވާނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން، ޓައިވާނަށް ވިޔަފާރީގެ އިތުރު ތާށިތައް ކުރިމަތިކޮށްފައި ވެއެވެ.
އަދި ޓައިވާން ސަރުކާރުގެ އޮފީސްތަކަށް ހެކަރުންގެ ހަމަލާތައްވެސް ވަނީ އަމާޒުކޮށްފައެވެ. އެގޮތުން، ސަރުކާރުގެ ޑިފެންސާއި ފޮރިން މިނިސްޓްރީއާއި ރައީސް އޮފީހުގެ ވެބްސައިޓްތަކަށްވެސް ހެކަރުންވަނީ ސައިބަރ ހަމަލާ ދީފައެވެ.