ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ރާއްޖެ ތަރައްގީ ކުރުމަށް އެހީ ފޮރުކޮއްދީފިއެވެ.
އެގޮތުން 7.5 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ އެހީ، ތިމާވެށީގެ ކެރިފޯރުންތެރިކަން ވަރުގަދަކުރުމަށާއި، އިޤްތިޞާދީ އަދި ޑިމޮކްރެޓިކް އިޞްލާޙުތައް ގެނައުމަށާއި، ހަރުދަނާ މަދަނީ މުޖުތަމަޢެއް ބިނާކުރުމަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިއާއެކު ޔޫއެސްއެއިޑް އިން ރާއްޖޭއަށް ވެދީފައިވާ އެހީގެ ޖުމްލަ އަދަދު، 400 މިލިއަން ދިވެހި ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށް ޔޫއެސްއެޑުން ބުނެއެވެ.
އަދި 2001 ވަނަ އަހަރުން ފެށިގެން ޔޫއެސްއެއިޑް އިން ވަނީ ކަނޑުގެ ދިރުންތަކާއި އިކޯސިސްޓަމްތައް ހިމާޔަތްކުރުމަށާއި، އެނާޖީ ނީޑްސް ފުއްދުމަށާއި، ސާފު ބޯފެން ފޯރުކޮށްދިނުމަށާއި، ސަރުކާރުގެ އިދާރާތަކުގެ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމަށާއި، ރިލީފް އެންޑް ރީކޮންސްޓްރަކްޝަން މަސައްކަތްތަކަށް އެހީތެރިވުމަށް 27 މިލިއަނަށްވުރެ ގިނަ ޑޮލަރު ރާއްޖޭގައި އިންވެސްޓްކޮށްފައެވެ.
ޔޫއެސްއެއިޑުން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައެޅުއްވި އާ މިޝަން ޑިރެކްޓަރ ގެބްރިއަލް ގްރާއު ވިދާޅުވީ، އެމެރިކާ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެހީތެރިވެދިނުމަކީ ޔޫއެސްއެއިޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީގެ ޕޯޓްފޯލިއޯ އަށް އިތުރު ކުރިއެރުމެއް، މިޝަން ޑިރެކްޓަރގެ މަޤާމަށް ގްރާއު އައްޔަންކުރެއްވުމަށް ފަހު ލިބިފައިވާކަމަށް ޔޫއެސްއެއިޑުން ބުނެއެވެ.
މިދިޔަ މަހު މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށްފަހު މިސްޓަރ ގްރާއު ވަނީ މި ހަފްތާގައި ރާއްޖެއަށް ވަޑައިގެން ސަރުކާރުގެ އިސްވެރިންނާއި، ޑިވެލޮޕްމަންޓް ޕާޓްނަރުންނާއި އަދި ޔޫއެސްއެއިޑުގެ އެހީގައި ހިންގާ ޕްރޮޖެކްޓް ސްޓާފުންނާއި ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގައި، ގްރާއު ވަނީ ރާއްޖޭގެ ކްލައިމެޓް ސްމާޓް އިންޓަރވެންޝަންތަކަށް އެހީތެރިވުމުގެ ގޮތުން ޕްރައިވެޓް ސެކްޓަރގެ ދެ ފާމަކަށް ގްރާންޓް ހަވާލުކުރަށްވާފައެވެ.
މިސްޓަރ ގްރާއު އަކީ ޔޫއެސް އެއިޑްގެ ބައެއް ބޮޑެތި ޕްރޮގްރާމްތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަރައްޤީގެ ތަޖުރިބާ ލިބިފައިވާ ސީނިއަރ ފޮރިން ސަރވިސް އޮފިސަރެކެވެ. އެބޭފުޅާ ވަނީ ޔުނިވާސިޓީ އޮފް މެރީލޭންޑް އިން ޕަބްލިކް އެފެއާޒްގެ ދާއިރާއިން މާސްޓާސް އަދި ނިއު މެކްސިކޯ ސްޓޭޓް ޔުނިވާސިޓީން އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް އިންޓަނޭޝަނަލް ބިޒްނަސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފަ އެވެ.