މާލޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ޑްރޮޕް ނީގެ ސެމީ ފައިނަލްގައި ޑޭވިޑް ހަބާޑްއާ ވާދަކޮށް ރާއްޖޭގެ އަލީ ޚުޝްރުވާން އަޙުމަދު (ކުޑައައްޔަ)އަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ މި މުބާރާތުގައި މިއަދު މެންދުރުފަހު ކުރިއަށް ދިޔަ ޑްރޮޕް ނީގެ ސެމީ ފައިނަލްގެ ދެ ވަނަ ހީޓުގައި އައްޔައާ ވާދަކުރި ހަބާޑް އަކީ މިވަގުތު ދުނިޔޭގެ ރޭންކިން އެެއް ވަނައިގައި އޮތް އެތުލީޓެވެ.

އައްޔަގެ މައްޗަށް ހަބާޑް ކުރިހޯދީ ދެ ރާޅުން ޖުމްލަ 13.25 ސްކޯ ހަދައިގެންނެވެ. އެއީ އަށްވަނަ ރާޅުގައި ލިބުނު 6.00 ސްކޯއާއި ނުވަވަނަ ރާޅުގައި ލިބުނު 7.25 ސްކޯއިންނެވެ. މި ހީޓުގައި އައްޔައަށް ލިބުނީ ދެ ރާޅުން ޖުމްލަ 6.10 ގެ ސްކޯއެކެވެ. އެއީ ފުރަތަމަ ރާޅުން ލިބުނު 3.50 ސްކޯ އާއި ހަތަރުވަނަ ރާޅުގައި ލިބުނު 2.60 ސްކޯ އިންނެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި އަމައުރީ ލަވާންހޭ ވަނީ ފެބިއެން ތަޒާގެ މައްޗަށް ކުރި ހޯދާފައެވެ. އެއީ ދެ ރާޅުން ޖުމުލަ އޭނާއަށް ލިބުނު 13.00 ސްކޯއިންނެވެ. އެ ސްކޯ އޭނާ ހޯދީ ހަވަނަ ރާޅު އަދި ހަތް ރާޅުން 6.50 ސްކޯ ހޯދައިގެންނެވެ. ތަޒާއަށް މި ހީޓުގައި ލިބުނީ 10.15 ސްކޯއެވެ. އެއީ ހަތަރު ވަނަ ރާޅުގައި ލިބުނު 4.25 ސްކޯއާއި އަށްވަނަ ރާޅުގައި ލިބުނު 5.90 ސްކޯއިންނެވެ. ޑްރޮޕް ނީގެ ފައިނަލްގައި ވާދަކުރާނީ ދުނިޔޭގެ ރޭންކިން އެއް ވަނަ ހާބާޑްއާއި، އަމައުރީއެވެ.

ޑްރޮޕް ނީގެ ސެމީގައި އައްޔައަށް ނާކާމިޔާބުވީ ނަމަވެސް، މިބައިގެ ސެމީއިން ޖާގަހޯދާ އައްޔަ ވަނީ ބޮޑީބޯޑިންގެ ވޯލްޑް ޓުއާ އިވެންޓެއްގެ ގަދަ ހަތަރެއްގައި ހިމެނުނު ފުރަތަމަ ދިވެހިި އެތުލީޓުގެ ޝަރަފް ހޯދާފައެވެ. އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާ އަކީ ދުނިޔޭގެ އެންމެ މޮޅު ބޮޑީބޯޑަރު ހޮވުމަށް ބާއްވާ އޯޕަން މުބާރާތެކެވެ. މި މުބާރާތުގެ އެކި ލެގުތައް ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާއިރު، މާލޭގައި ކުރިއަށް ގެންދާ މޯލްޑިވްސް ޕްރޯއަކީ މި އަހަރުގެ ހަތަރުވަނަ މުބާރާތެވެ.