އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ 22 ވަނަ ކޮމަންވެލްތު ގޭމްސްއަށް ގޮސްއުޅޭ ސްރީލަންކާ ކޮންޓިންޖެންޓުން ތިނަވަނަ އެތުލީޓަކު ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

މިކަން، ކޮމަންވެލްތު ގޭމްސް ސެކިއުރިޓީ ޑިޕާޓްމަންޓުންވަނީ ކަށަވަރު ކޮށްދީފައެވެ.

ސްރީލަންކާ ކޮންޓިންޖެންޓުގެ ޑެޕިއުޓީ ޝެފް-ޑި-މިޝަން ގާމިނީ ޖަޔަސިންހައާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ވީނުވީއެއް ނޭނގި ގެއްލިފައިވަނީ ސްރީލަންކާ ރެސްލިންގ ޓީމުގެ މެމްބަރެއް ކަމަށެވެ. އޭނާ ގެއްލުނީ، ކޮވިޑަށް ޕޮޒިޓިވްވި ފަހުން ކަމަށްވެސް ބުނެފައި ވެއެވެ.

ރެސްލިންގ ޓީމުގެ ގެއްލުނު މެމްބަރު ފުރަތަމަ ރައުންޑްގެ މެޗް އޮތީ އޮގަސްޓް 6 ގައި ކަމަށާއި، ކޮވިޑަށް ޕޮޒިޓިވްވެގެން އޭނާ ޓްރާންސްފަރ ކުރެވުނީ ކޮމަންވެލްތު ގޭމްސްގެ މެޑިކަލް ސެންޓަރަށް ކަމަށް ސްރީލަންކާ ޝެފް-ޑި-މިޝަނުން ބުނެއެވެ.

އަދި ކޮވިޑްގެ ދެވަނަ ޓެސްޓް ހެދުމަށްފަހު އޭނާ މެޑިކަލް ސެންޓަރުން ދޫކޮށްލަން އޮތީ ހަމަޖެހިފައި ކަމަށާއި، ނަމަވެސް ސްރީލަންކާ މިޝަނުން އޭނާ ބަލާދިޔައިރު އެތަނުގައި ނެތްކަމަށް ބުނެފައި ވެއެވެ.

ކޮމަންވެލްތު ގޭމްސްއަށް ގޮސްއުޅޭ ސްރީލަންކާ އެތުލީޓުންގެ ޓީމުގައި ހިމެނޭ ޖޫޑޯ ކުޅުންތެރިޔަކާއި، ޖޫޑޯ ޓީމުގެ އިސް އޮފިޝަލަކުވެސް ކުރިންވަނީ، ވީނުވީއެއް ނޭނގި ގެއްލިފައެވެ. ގެއްލިފައިވަނީ އަންހެން ޖޫޑޯ ކުޅުންތެރިޔަކާއި، އެ ޓީމުގެ މެނޭޖަރެވެ.

އަންހެން ޖޫޑޯ ކުޅުންތެރިޔާއާއި މެނޭޖަރު ގެއްލުވީ، އޮގަސްޓް 1 ގައި ބޭއްވި ފުރަތަމަ ރައުންޑުގެ މެޗުން އެ ކުޅުންތެރިޔާ ބަލިވިފަހުންނެވެ.

މިކަމާހެދި، ސްރީލަންކާ ކޮންޓިންޖެންޓުގެ ޝެފް-ޑި-މިޝަން މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ދަމްޕަތު ފަރނާންޑޯ އޮތީ ހުރިހާ އެތުލީޓުންގެ ޕާސްޕޯޓްތައްވެސް އަތުލާފައެވެ.

ވީނުވީއެއް ނޭނގި ގެއްލުނު އެތުލީޓުން ފިލީކަމަށް ބެލެވިފައި ވެއެވެ.

ކޮމަންވެލްތު ގޭމްސްގައި ސްރީލަންކާއިން 110 އެތުލީޓުންނާއި 51 އޮފިޝަލުން ހިމެނޭ ބޮޑު ކޮންޓިންޖެއްޓެއް ގެންދަނީ ބައިވެރިވަމުންނެވެ. އަދި ބައެއް ކުޅިވަރުތަކުން ރަނގަޅު ނަތީޖާތަކެއްވެސް ދަނީ ހޯދަމުންނެވެ.

ކޮމަންވެލްތު ގޭމްސްއަށް ސްރީލަންކާ ކޮންޓިންޖެއްޓަށް 180 ދުވަހުގެ ވިސާ، އިނގިރޭސިވިލާތުން ދީފައި ވެއެވެ.

ސްރީލަންކާ ކޮންޓިންޖެންޓުގައި ހިމެނޭ ބައެއް އަތުލީޓުން ގެއްލުނު މައްސަލަތައް ކޮމަންވެލްތު ގޭމްސް ސެކިއުރިޓީ ޑިޕާޓްމަންޓާއި، ބާމިންހަމްގެ ފުލުހުން ގުޅިގެން ގެންދަނީ ތަހްގީގު ކުރަމުންނެވެ.