ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން ބަންދުން ދޫނުކުރަން ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މެމްބަރު ތާރިގްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި މިވަނީ ޝެއިޚް ނިޝާން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ކަނޑައެޅުމާއި ގުޅިގެންނެވެ.
ޝެއިޚް ނިޝާންގެ ފަރާތުން އޭނާ ބަންދުކުރަން ނެރުނު އަމުރުތަކުގެ ތެރެއިން ފުރަތަމަ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި އިސްތިއުނާފީ އަޑުއެހުންތަކަށްފަހު މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ނިޝާން ބަންދުގައި ބަހައްޓަން ނެރުނު އަމުރުގައި އިޖުރާއީ އުނިކަމެއް ހުރި ނަމަވެސް އެ އުނިކަމަކީ އޭގެ ސަބަބުން އެއަމުރު ބާތިލުވާނެ އުނިކަމެއް ނޫން ކަމަށެވެ.
އަދި، އެމައްސަލާގައި ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތަކީ ޝައިޚް ނިޝާން ބަންދުގައި ބެހެއްޓުމަށް ބޭނުންވާ މިންވަރުގެ ހެއްކެއް ކަމުގައި ދެކޭކަމަށްވެސް ހައިކޯޓުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން މެމްބަރު ތާރިގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސާލިހް ވެގެން ގޮސްފައި މިވަނީ އައު ގާނޫނުއަސާސީގެ ދަށުން ދީނީ އިލްމުވެރިން ހައްޔަރުކޮށް، ސޯސްލައި ތުބުޅި ބާލުވާ ހަމައެކަނި ރައީސަށް ކަމަށެވެ. އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިވީ އެކަން ކުރުވި ފުރަތަމަ ހޯމް މިނިސްޓަރަށް ކަމަށްވެސް މެމްބަރުގެ ޓްވީޓުގައި ވެއެވެ.
އެދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން ޝެއިޚް ނިޝާންގެ އިތުރުން ޝެއިޚް ފަޟްލޫން މުހައްމަދު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.
މި މައްސަލައާއި ގުޅިގެން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާއިރު، ދީނީ އިލްމުވެރިންނާއި ސިޔާސީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
މެމްބަރު ތާރިގް ވިދާޅުވީ، އަދުގެ ވެރިކަން 2023 ވަނަ އަހަރު ރައްޔިތުން ނިންމާނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ.