ބުދަ ދުވަހުގެރޭ އަހަރެމެންނަށް ލިބުނު ޚަބަރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖަހައިގަނެގެން މީހަކު ފިލި ކަމަަށް ބުނާ ޚަބަރެވެ. މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު ވަނީ މިކަން ވީނިއުސް އަށް ކަށަވަރުކޮށްދެއްވާފައެވެ.

މިކަން ހިނގާފައިވަނީ އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ޒިޔާރަތުގެ ތެރެއިން، އެގައުމުގެ ރެސްޓޯރެންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވި މެސެޖެއްގައިވެސް މިކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ދަރިކަނބަލުން ފޮނުއްވި މެސެޖެއް އީވާ ވަނީ ގުރޫޕުގައި ހިއްސާކުރައްވާފައެވެ. މި މެސެޖުގައި ވަނީ، މެންދުރުގެ ފަރިއްކުޅެއްވުމަށް ތިއްބަވަނިކޮށް، ރައީސް ނަޝީދުގެ ފޯނު މީހަކު ޖަހައިގަނެގެން ދުވެ ފިލާފައިވާ ކަމަށެވެ. އަދި އެ މަނިކުފާނުގެ ނަމްބަރު ބްލޮކް ކުރެއްވުމަށްވެސް އެދިފައިވެއެވެ.

މި މެސެޖަށްފަހު ރައީސް ނަޝީދު ނަމްބަރު މިހާރު ވަނީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުންވެސް ވަކިކޮށްފައެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ހަމަ އެހާ ވެސް ބަލިކަށިތަ؟

ގޮތް ނޭނގޭ މީހަކު ވަދެ، ރައީސް ނަޝީދާ ގާތްވެ، ފޯނު ޖަހައިގަނެގެން ދުވެ ފިލައި ރައްކާވާއިރު، ރައީސް ނަޝީދުގެ ސެކިއުރިޓީ ކޮބައިތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މި ސުވާލު އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނާއިބް ރައީސް އަދި މަޑުއްވަރީ މެމްބަރު އާދަމް ޝަރީފް ވެސް ވަނީ ކުރައްވާފައެވެ. ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވަނީ އެ ހާދިސާ ހިނގިއިރު ރައީސް ނަޝީދުގެ ސެކިއުރިޓީ ގާޑުން ކޮބައިތޯ އާއި އެމަނިކުފާނުގެ ސެކިއުރިޓީ އަށް މިވަނީ ކިހިނެތްތޯ ސުވާލު ކުރަށްވާފައެވެ. އަދި މި ވަރުން ދަންޏާ ރައީސް ނަޝީދު ކިޑްނެޕް ނުކުރާނެ ކަން ކަށަވަރުތޯ ވެސް އޭނާ އެއްސެވިއެވެ.

އެމަނިކުފާނު އަވަހާރަކޮށްލުމަށް މީގެ ކުރިން ވަނީ ބޮމުގެ ހަމަލާއެއްދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. އެހަމަލާގަައި ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްވެފައިވަނީ ވަރަށް ހަނިގޮތަކަށެވެ. ރައީސް ނަޝީދަށް ދިން ހަމަލާ އާއި އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަނީ ވަރުގަދަވެސް ކޮށްފައެވެ. ނަމަވެސް އިނގިރޭސިވިލާތުގައި އެމަނިކުފާނުގެ ސަލާމަތީ ކަންކަން ހަމަޖެހިފައިވާ ގޮތެއް އެއްވެސް ރަސްމީ ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން އޮންލައިން ނޫހަކަށް ރައީސް ނަޝީދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ ސެކިއުރިޓީ އިނީ ތަންކޮޅެއް ދުރު މޭޒެއްގައި ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ދަރިކަނބަލުންނާ އެކު ވާހަކަ ދައްކަވަން އެކަނި އިންނަވަން ބޭނުންފުޅުވެގެން، އެކަމަށް އެދިވަޑައިގަތުމެވެ.

ރައީސް ނަޝީދު ވިދާޅުވީ މޭޒު ކައިރިއަށް ގާތްވީ ސަލާން ޖަހަން އެ ސަރަހައްދުގައި އުޅުނު މީހެއް ކަަމަށެވެ. އޭނާއަށް ދޭން ލާރިއެއް ނަގަން އުޅެނިކޮށް ފެނުނީ ފޯނު ނަގައިގެން ދުއްވައިގަތްތަން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މީހާ ސަލާން ޖަހަން މޭޒުކައިރިއަށް ގާތްވެ އުޅުނު ގޮތާއި ފޯނު ޖަހައިގެން ދުއްވައިގަތުމަކީ ފިލްމުތަކުން ވެސް ފެނިވަޑައިގަންނަވާ ފަދަ މަންޒަރެކެވެ.

ވަޑައިގެން ރެސްޓޯރެންޓްގެ ފެންވަރު ވެސް ދަށީތަ؟

އިނގިރޭސިވިލާތުގައި ގައުމުތަކުގެ މަތީފެންވަރުގެ ބޭފުޅުން ފަރިއްކުޅުވަން ވަޑައިގަންނަވާ ރެސްޓޯރެންޓްތަކުގެ ފެންވަރު ވެސް ދަށީތޯ މިއީ ގިނަ ބަޔަކު ކުރާ ސުވާލެއް މެއެވެ. މި ގޮތުން ރައީސް ނަޝީދު އިންނެވި ރެސްޓޯރެންޓްގައި އެންމެ ސީސީޓީވީ ކެމެރާއެއް ވެސް ނެތީތޯ ސުވާލު އުފައްދާ ފަރާތްތަކުން ބުނެއެވެ. އަދި ތަނުގެ ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިންތިޒާމްތަކެއް އެ ތަނުގައި ހަމަޖެހިފައި ނެތީތޯ ވެސް ބައެއް މީހުން އެބަ އަހައެވެ.

ފޯނު ފޭރިގަތުމާއި އޭގައި ހުރި ކަމަށް ބުނާ ރައީސްގެ ފޮޓޯތަކާ ގުޅުމެއް ވޭތަ؟

އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ނަޝީދު ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޚް، އަންހެނަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ފޮޓޯތައް ފުލުހަށް ހުށަހަޅަންވީތޯ ވިދާޅުވެ ރައީސް މުޙައްމަދު ނަޝީދު އިންޒާރުދެއްވާފައިވަނިކޮށެވެ. ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރައީސް ޞާލިޙްގެ އަރިހުގައި އެމަނިކުފާނު އައްސަވަން ބޭނުންފުޅުވަނީ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށްފައި ނާޒިމް އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށެވެ. އަދި ރައީސް ޞާލިހްގެ ބަދު އަހުލާގީ އަމަލު ހިންގާ ފޮޓޯތައް ޕޮލިސްގައި ފޮރުވީތޯ ސުވާލު ކުރެއްވިއެވެ.

އެމަނިކުފާނު ވަނީ، ރައީސް އަންހެނަކާއެކު ބަދުއަހްލާގީ އަމަލު ހިންގާ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ބައެއް މީހުން ބުނާ ގޮތުގައި މިއީ ރައީސް ނަޝީދު ކުޅުއްވާ ޑްރާމާއެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އެ ވިދާޅުވާ ޒާތުގެ ފޮޓޯއެއް އެ ފޯނުގައި ނެތެވެ. ކޮއްކޯފުޅު ހައްޔަރުކޮށް މުއްދަތު ޖެހި އިރު ވެސް އެ ވިދާޅުވާ 4 ފޮޓޯ ލީކު ނުވީ އެހެންވެ ކަމަށް މި ކަމާ ގުޅިގެން ޚިޔާލުފާޅުކުރާ ބައެއް މީހުން ބުނެއެވެ. އެ މީހުން ބުނަނީ ފޮޓޯ ހާމަކުރަން އާންމުން ޑިމާންޑްކުރަން ފެށީމާ "އަތަށް ގޮވާފާނެތީ" ފޯނު ވަގަށް ނެގީ ކަމަށް ދައްކަން "ރޮކެޓެއް" ރޭވީ ކަމަށެވެ. ދެން ވިދާޅުވާނީ ފޯނާއެކު ފޮޓޯތައް ގެއްލުނީ ކަމަށެވެ.

އަނެއް ބައެއްގެ ރައުުޔުއަކީ ރައީސް ޞާލިޙްގެ ފޮތޯތަކެއް ހުރުމުން، ލީކު ކޮށްފާނެތީ ބަޔަކު ރާވައިގެން ރައީސް ނަޝީދުގެ ފޯނު ފޭރިގަތީއެވެ. ކަމުގެ ހަގީގަތް އެނގޭނީ އެކަމެއް ކުރި ބަޔަކަށާއި، ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ، މާތް ﷲ އަށެވެ.

ނަޝީދު ޔޫކޭއަށް ވަޑައިގަތީ މިދިޔަ މަހުގެ 22 އިން 28 އަށް ސީޝެލްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުއެވެ. ރަސްމީ ދަތުރުތަކުގައި ސެކިއުރިޓީން އެމަނިކުފާނާ އެކު ދަތުރުކުރެއެވެ. ތަކުރާރުކޮށް މަރުގެ އިންޒާރު ދީފައިވާތީ ތްރެޓް ލެވެލް ބޮޑުކަމުން 24 ގަޑިއިރު އެމްއެންޑީއެފުން ރައްކާތެރިކަން ފޯރުކޮށްދޭ ނަޝީދުގެ، ފޯނު ޔޫކޭގައި ޖަހައިގަތް އިރު ސެކިއުރިޓީން ކޮބައިތޯ ގިނަ ބަޔަކު ކުރާ ސުވާލަށް ގައުމީ ދިފާއީ ބާރުން ޖަވާބުދާރީވާން ޖެހެއެވެ.

ރައީސް ނަޝީދުގެ ފޯނު ފޭރިގަތް މައްސަލަ ލަންޑަނުގެ ފުލުހުން އަންނަނީ ތަހުގީގުކުރަމުން ކަމަށް މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު ވަނީ ވީނިއުސް އަށް މައުލޫމާތު ދެއްވާފައިވެއެވެ.