ދ. ކުޑަހުވަދޫގައި ކުރި މުޒާހަރާއާ ގުޅިގެން މިހާތަނަށް 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުޑަހުވަދޫގައި މުޒާހަރާ ކުރަން ފެށީ އެ ރަށު ބަލި މީހަކު މަންޓާ އެއާރގެ މަތިންދާބޯޓެއްގައި މާލެ ނުގެނެސްގެނެވެ. މަންޓާރއިން ބުނީ އެ ކުންފުނިން ގެންގުޅޭ ބޯޓުތަކުގައި ބަލި މީހުން ގެންދާ ސްޓްރެޗަރު އެރުވޭ ގޮތަށް ހަދާފައި ނުހުންނަ ކަމަށެވެ.
މި މައްސަލައިގައި އާންމުންގެ ބަޔަކު ރުޅިގަދަވެ ކުޑަހުވަދޫ އެއާޕޯޓުން ބަސް ދަތުރުކުރަން އޮންނަ ތަން ބްލޮކްކޮށް، ދަތުރު ނުކުރެޥޭ ގޮތް ހެދިއެވެ. އަދި އެކަން ހުއްޓުވަން ދިޔަ ފުލުހުންނާދެމެދު ބައެއް ހަމަނުޖެހުން ހިނގާފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވީނިއުސް" އަށް މިއަދު ވިދާޅުވީ، ކުޑަހުވަދޫގައި ކުރިއަށް ދިޔަ މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ޖުމުލަ 17 މީހަކު އެބަ ތިބި ކަމަށެވެ.
ނަމަވެސް "ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާއާ ގުޅިގެން ފުލުހުން ވަނީ 18 މީހަކު ހައްަރުކޮށްފައެވެ. އަދި މުއްދަތު ޖެހުމަށް އެ މީހުން ކުދަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރަމުން އަންނައިރު، އޭގެ ތެރެއިން އެކަކު ވަނީ ބަންދުގެ މުއްދަތު ނުޖަހައި ދޫކޮށްލާފައެވެ.
އެ ރަށު ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ނިމުމަކަށް ގެނައުމަށް މަންޓާ އެއާރއިން އެ މީހުންނާ ބައްދަލުކޮށް މިހާރު ވަނީ މައްސަލަ ހައްލުކޮށްފައެވެ. އެއީ އެ ރަށު މީހުން ބޭނުންވާ ގޮތަށް ބަލި މީހުން އުފުލުމަށް ދިމާވާ ދަތިތަކާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.
މަންޓާރ އާއި ފްލައިމީ އިން ސްޓެޗަރުގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހަމަޖައްސަން ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ އަންގަވާފައެވެ.
ދާލު އެއާޕޯޓަށް މިވަގުތު ދަތުރުކުރަމުން އަންނަނީ ހަމަ އެކަނި މަންޓާ އެއާރއިންނެވެ.