އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ.

މިތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށާއި މުމްބާއީއަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން، އެންމެ ފުރަތަމަ ނިއުދިއްލީއަށް ވަޑައިގެން އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި 2 ގައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.

މިބައްދަލުކުރެއްވުމުގައި 2 ގައުމުގެ ދެމެދު މީގެ ކުރިން އަދި މިހާރު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނާއި، 2 ގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި އަދި ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސް ސާލިހްގެ މިދަތުރުފުޅުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުންބަދަހި ކުރުމާގުޅޭ ތަފާތު 6 އެއްބަސްވުމެއް ވަނީ ބަދަލުކޮށްފައެވެ. މިއެއްބަސްވުންތަކުގެ ތެރޭގައި، ތަމްރީނާއި ގާބިލުކަން އިތުރުކުރުމާއި ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.

އަދި، ރައީސް ސާލިހްއާއި ބޮޑުވަޒީރު މޯދީ، މާލެ އާއި ވިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމާއި، މިބްރިޖްތަކާއި ގުޅޭ މަގުތައް ހެދު ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ އަމަލީ މަސައްކަތްވެސް ވަނީ މިތަދުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވާފައެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ސިފައިންގެ އުމްރާނީ ވަޞީލަތްތަކާއި، އުޅަނދުފަހަރާއި، އާލާތްތައް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަން ޖަޔަޝަންކަރު ވަނީ ރައީސް ސާލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އިންޑިއާގެ ދެވަނައަށް އެންމެބޮޑު ކޮންޓެއިނަރ ހޭންޑްލިންގ ޕޯޓްކަމުގައިވާ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭ.އެން.ޕީ.ޓީ)އަށް ޒިޔާރަތް ކުރައްވާފައެވެ. މިޒިޔާރަތުގައި، ޖޭ.އެން.ޕީ.ޓީގެ ޗެއަރމަން ސަންޖޭ ސެތީ ވަނީ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއެކު ބަނދަރުގެ މުހިންމު ތަންތަނަށް ވަޑައިގެން ބަނދަރުގެ ތާރީޚާއި އެތަނުގައި ހުރި ވަޞީލަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ޙިއްޞާކުރައްވާފައެވެ.

ރައީސް ސާލިހްގެ މިދަތުރުފުޅަކީ 2 ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އިންޑިއާއަކީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ބައިވެރިއެއްވެސް މެއެވެ. ސަރުކާރުން މިހާރުވެސް އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ގޮތުން ކުރިޔަށްގެންދާ ގިނަ މަޝްރޫޢުތަކެއް އިންޑިއާގެ އެހީގައި ކުރިޔަށްގެންދެއެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.