ރާއްޖޭގެ 29 ވަނަ ލިޔުންތެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ރޭ ބާއްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އައްޝެއިހް އިބްރާހިމް އަޙުމަދާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.
މި ޖަލްސާގައި ފުންނާބު އުސް ލިޔުންތެރިންނާއި ލިޔުންތެރިންގެ ގުޅުން އަދި ދިވެހިބަހުގެ އެކަޑެމީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށި، މި ހާއްސަ ޖަލްސާގެ ތަޢާރަފަށް ފަހު، އެންމެ ފުރަތަމަ އޮތީ ފުރާ އުމުރުގެ ޒުވާނެއްގެ ޝުއޫރުފާޅުކުރުމެވެ. ޖަލްސާގައި ދެން އޮތީ ލިޔުންތެރިންގެ ގުޅުުމުގެ ފަރާތުން ލިޔުންތެރިޔާ މަރިޔަމް އިޝާ އަޒީޒްގެ ވާހަދެއްކެވުމެވެ. އިޝާގެ ވާހަކައިގައި ދިވެހިރާއްޖޭގެ ތާރީޚާއި ލިޔުންތެރިކަމުގެ މައްޗަށް ނަޒަރު ހިންގާލާފައިވެއެވެ.
ދެން މި ޖަލްސާގައި އިވިގެން ދިޔައީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާގެ ފަރާތުން މަރިޔަމް އަފާ ނާޒިމްގެ ވާހަކަދެއްކެވުމެވެ. އަފާގެ ވާހަކަ ބިނާކޮށްފައި ވަނީ މުޖުތަމަޢުގައި ތަމައްދުނާއި ތަހުސީބު ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރަމުން އަންނަ މުހިންމު ދައުރުގެ މައްޗަށެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަބްދުއްރަހީމް ވަނީ ލަންޑަނުގެ އިތުރުން ޔޫރަޕްގެ އެކި ގައުމުތަކަށް މުހައްމަދު އަމީން ދީދީ ކުރެއްވި ދަތުރުގެ ވާހަކަތައް ލިޔެފައިވާ "ސައްޔާހެއްގެ ޔައުމިއްޔާގެ ގަނޑެއް" މި ފޮތުގެ މައްޗަށް ނަޒަރު ހިންގާލައި އެހާރާއި މިހާރުގެ އިބާރާތްކުރުމާއި ލިޔުންތެރިކަމުގެ ވަށްޓަފާޅިއާމެދު ޢިލްމީ ވާހަކަތަކެއް ދައްކަވާފައެވެ.
ލިޔުންތެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިއަހަރު ވަނީ ޝާއިރު އަދި އަދީބު ރޯނުގޭ ހަސަން މަނިކު ލިޔުއްވާފައިވާ ތަމްސީލް ފޮތެއް ނެރެދެއްވާފައެވެ. މި ފޮތް ނެރެދެއްވީ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫންއެވެ.
މީގެ އިތުރުން ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އައްޝެއިހް އިބްރާހިމް އަޙުމަދުގެ ވާހަކަދެއްކެވުން ވެސް ޖަލްސާގައި އޮތެވެ. ޝެއިހް އިބްރާހިމް އަޙުމަދުގެ ވާހަކައިގައި ލިޔުންތެރިކަމުގެ ތާރީޚާއި ދިވެހިބަހުން ލިޔުންތައް އުފެއްދުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަދެއްކެވިއެވެ.
ލިޔުންތެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާފައިވާއިރު، ރާއްޖޭގެ ލިޔުންތެރިންގެ ދުވަހަކީ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ. “އަލްއިޞްލާޙް” ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނު ތާރީޚީ ދުވަހެވެ. އާދެ، 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ހިޖުރީ ތާރީޚުން ބަލާނަމަ، 1352 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 13 ވަނަ ދުވަހެވެ. ރާއްޖޭގައި ލިޔުންތެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1993 ވަނަ އަހަރު ޖުލައިމަހުގެ އަށްވަނަ ދުވަހުއެވެ.