މޯލްޑިވްސް ޓްރާންސްފޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ނަމުގައި ފަށަން ތައްޔާރުވަމުން އަންނަ މިނީ ބަހުގެ ޚިދުމަތް ދޭން ފަށާ ފުރަތަމަ 2 ހަފްތާގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖަައްސަވާނެކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މީޑިއާ ޗެނެލްއެއްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ބަހުގެ ޚިދުމަތަކީ އާންމުން ގަބޫލުކުރާ ފެންވަރަށް ދޭ ޚިދުމަތެއްގެ ގޮތުގައި ބޭއްވުމަށް އެކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށާއި، މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ވާންޖެހޭ ތައްޔާރީތައް މިހާރު ވެ ނިމިފައިވާކަމަށެވެ.

އާޒިމް ވަނީ ބަހުގެ ޚިދުމަތް ފެށުމުގެކުރިން ގާއިމް ކުރަން ޖެހޭ ބަސް ސްޓޮޕްތައް ހަރުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެން ރައްޔިތުންނަށް ދޭ ޚިދުމަތެއް މިއީ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދެނީ ރޫޓުތައް އެހެން ގޮތަކަށް ބަދަލުކުރަން. އެހެންމަ އަޅުގަނޑުމެން ހަމަ ރައްޔިތުންގެ ތެރޭގައި ތިބި މަންދޫބުންނާ މަޝްވަރާ ކޮށްގެން، ސިތީ ކައުންސިލާ ޕްލޭނިންގ މިނިސްޓްރީއާ، ޓްރާންސްޕޯތް މިނިސްޓްރީއާ އަދިވެސް ގުޅުން ހުރި އެހެން ފަރާތްތަކާ މަޝްވަރާކޮށްގެން ރައްޔިތުންނަށް މި ޚިދުމަތަކީ ހިތް ފަސޭހަ ޚިދުމަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް އަޅުގަނޑުމެން އެމްޓީސީސީއިން މިތިބީ ތައްޔާރަށް.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އަދި، މާލޭގައިވެސް މިނީ ބަސް ފެށުމަށްފަހު ޓެސްޓް ދަތުރުތައް ކުރުމަށްޓަކައި ފުރަތަމަ 2 ހަފްތާގައި ހިލޭ ދަތުރުކުރެވޭނެ ކަމަށާއި، މި ބަސްތަކުން ސްކޫލްކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ދަތުރުކުރޭވެނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމުގެ ގޮތުން އެމްޓީސީސީއާއި މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގެ ބައެއް މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، މިނީ ބަސް ދުއްވާ މަގުތަކުގެ ޕާކިން ޒޯން ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

މިނީ ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. ޖުމްލަ 36 ބަސް ގެނެސްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ މާލޭގައި ބޭނުންކުރުމަށް ގެނައި 12 ބަހާ، އަތޮޅުތަކަށް ފޮނުވާ 24 މިނީ ބަހެވެ.