މިދިޔަ ޖުލައި މަހު ރާއްޖެ ޒިޔާރަތްކުރީ 133،561 ފަތުރުވެރިންކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖުލައި މަހު 133،561 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައ ޒިޔާރަތްކޮށްފައިވަނީ 101،818 ފަތުރުވެރިންނެވެ. އަދި 2019 ވަނަ އަހަރުގެ މި މުއްދަތުގައި 132،144 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މާޗް މަހުގައެވެ. އެމަހު ރާއްޖެއަށް 150،748 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ފެބްރުއަރީ މަހުގައެވެ. އެމަހު 149،008 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭޕްރީލް މަހު 145،280 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މީގެއިތުރުން ޖެނުއަރީ މަހު 131،764 ފަތުރުވެރިން، މެއި މަހު 125،522 ފަތުރުވެރިން އަދި ޖޫން މަހު 110،889 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި ހިނގާ އޮގަސްޓަމަހުގެ ފުރަތަމަ ތިން ދުވަހު 13،303 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މި ހިނގާ 2022 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 960،075އަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މިއަދަދު ހުރީ 626،314 ގައެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 1،008،734 ފަތުރުވެރިންނެވެ.
2022 ވަނަ އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، އިންޑިއާއިންނެވެ. އެއީ ޒިޔާރަތްކުރި ފަތުރުވެރިންގެ 14.4 އިންސައްތައެވެ. 11.6 އިންސައްތައާއެކު ދެވަނާގައި އޮތީ އިނގިރޭސިވިލާތެވެ. އަދި ތިން ވަނާގައި އޮތް ރަޝިއާ ހިއްސާކުރަނީ 10.8 އިންސައްތައެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓުގައި ދެން ހިމެނެނީ ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސްގެ އިތުރުން ސައުދީ އަރަބިއްޔާ، ސްޕެއިން އަދި ސްވިޒަލޭންޑެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،175 ތަނަކަށް ވަނީ ހުއްދަ ދީފައެެވެ. މީގެތެރެއިން މިހާރު ފަތުރުވެރިންނަށް ހިދުމަތްދެމުންދަނީ 1،167 ތަނަކުންނެވެ. އެއީ 163 ރިސޯޓާއި، 834 ގެސްޓްހައުސްގެ އިތުރުން 115 ސަފާރީއާއި، 13 ހޮޓަލެވެ. އަދި 2 ހޯމްސްޓޭ ޓުއަރިސްޓް އެކޮމޮޑޭޝަނެއްވެސް މިހާރު އަންނަނީ އޮޕަރޭޓްކުރަމުންނެވެ.
ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ޖުމްލަ 1،167 ތަނެއް އޮޕަރޭޓްކުރަމުންދާއިރު، މިއީ 57،473 ބެޑް ކެޕޭސިޓީއެވެ. ބެޑް ކެޕޭސިޓީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓްތަކުންނެވެ. އެއީ 68 އިންސައްތައެވެ. ގެސްޓްހައުސްތަކުން ހިއްސާކުރަނީ 24 އިންސައްތައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 960،075އަށް އަރާފައިވާއިރު، ސަރުކާރުން އަންދާޒާކުރާގޮތުގައި މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެއެވެ.