މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. މޫސުން އެންމެ ގޯސްވޭނެ ކަމަށް ބެލެވޭ ސަރަހައްދުތަކަށް އެ އިދާރާއިން ވަނީ ސަމާލު ވެސް ނެރެފައެވެ.

އެގޮތުން މެޓް އޮފީހުން ވަނީ އުތުރާއި މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފައެވެ. އެއީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ކ. އަތޮޅާ ހަމައަށެވެ. މި ސަަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދަށް ވައިގަދަވުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެއްޖެ ކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މީގެ ކުރިން ބުނެފައެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާ އެކު ބައެއް ރަށްތަކަށް އުދަ އަރާނެކަމަށް ބެލެވޭ ކަމަށެވެ.

ސްކޫލް ޗުއްޓީއަށް ވުމާއެކު ދަތުރުތައް ގިނަވާނެތީ، އަންނަ ހަފުތާގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސްކުރެއެވެ. ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ ތަފުސީލިތައް ހޯދުމަށް އެ އިދާރާއިން އެދެއެވެ.

އޮޑިދޯނި ފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަ ނުކޮށް ދަތުރު ނުކުރުމަށް ސަލާމަތީ ބާރުތަކުން އިލްތިމާސްކުރެއެވެ.