ދައުލަތަށް 30 އަހަރަށްވުރެ ގިނަދުވަހު އެކި ދާއިރާތަކުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މއ. ހައިވަކަރުގޭ އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ އާލާސްކަންފުޅާއި އުޅުއްވުމަށްފަހު ރޭ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 89 އަހަރެވެ.
އަލްމަރްޙޫމް އަހުމަދު ޔޫސުފަކީ އަސްކަރީ އަދި މަދަނީ، އިޖުތިމާޢީ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ހަރުދަނާ ގައުމީ ޚިދުމަތްތެރިއެކެވެ. އޭނާ ސިފައިންގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ 1953 ގައެވެ. އެންމެ ފުރަތަމަ އަދާ ކުރެއްވީ ސިފައިންގެ ސަރުދާރުކަން (އެއިރު އިސް އޮފިސަރ) ކަމެވެ. 1978 ގައި ސިފައިންގެއިން ވަކިވެވަޑައިގެންނެވީ އޭރު ސިފައިންގޭގެ އެންމެ މަތީ ރޭންކް ކަމަށްވާ ކެޕްޓަނެއްގެ ގޮތުގައެވެ.
އޭނާ ވަނީ ސަރުކާރުގެ މައިހަސްފަތާލު ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރުކަންވެސް ކުރައްވާފައެވެ. އަދި، ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅުކަމުގައިވި އައްޑުއަތޮޅުގެ އަތޮޅުވެރިކަން ކުރެއްވިއެވެ.
އޭނާ ކުރެއްވި އިޖުތިމާއީ ޚިދުމަތްތަކުގެ ތެރެއިން ކުޅިވަރުގެ ރޮނގުން ކުރެއްވި ޚިދުމަތްތައް ފާހަގަކުރެވެއެވެ. އެގޮތުން، އަމީނީ ދައުރުގައި 1940ގެ އަހަރުތަކުގައި ދިވެހިރާއްޖެއަށް ފުޓުބޯޅަ ތައާރަފުވެ އުފެދުނު ގައުމީ ފުޓުބޯޅަ ޓީމުގެ ގޯލްކީޕަރުކަންވެސް އޭނާ ކުރެއްވިއެވެ.
އަހުމަދުފުޅުގެ އަނބިކަނބަލުންނަކީ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރ ނަޖުމާ ހުސެއިންއެވެ. އެދެކަނބަލުންނަށް 8 ބޭފުޅުން ލިބިވަޑައިގެންފައިވާއިރު، ހުރިހާ ބޭފުޅުން ވެސް ގެންދަވަނީ އެކި ދާއިރާތަކުން ގައުމަށް ހިދުމަތް ކުރައްވަމުންނެވެ.
އަހުމަފުޅުގެ ޖަނާޒާ އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާގައެވެ.